Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަކުނުދޫ

މަކުނުދޫގައި ފެށި ހުރިހާ މަޝްރޫޢެއް އަންނަނީ އަންނަނީ، އަންނާނެ ދުވަހެއް ނޭނގޭ!

ހދ. މަކުނުދޫގައި މި ސަރުކާރުން ފެށި އެއްވެސް މަޝްރޫއެއްގެ މަސައްކަތް ނިންމިފައި ނެތްއިރު އެ މަޝްރޫޢުތައް ނިންމޭނީ ކޮން ދުވަހަކުކަމެއްވެސް ޔަގީނުން ނޭނގޭކަން ހާމަވެއްޖެއެވެ.

މި ސަރުކާރުން މަކުނޫދޫއަށް ވައުދުވެ ބަޖެޓުގައި 12 ޕްރޮޖެކްޓެއްގެ މަސައްކަތް ހިމަނާފައިވެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީތައް:

  • 1. މަކުނުދޫ ސްކޫލް މަލްޓި ޕާޕަސް ހޯލް
  • 2. މަކުނުދޫ ސިއްހީ މަރުކަޒު އައު އިމާރާތް
  • 3. މަކުނުދޫ އައުޓްޑޯ ޖިމް ގާއިމްކުރުން
  • 4. މަކުނުދޫ ހޭންޑްބޯލް ކޯޓު ތަރައްގީކުރުން
  • 5. އެކި ރަށްތަކުގެ އެއާޕޯޓް ތަރައްގީކުރުން
  • 6. މަކުނުދޫ ދޯނި އެހެލާ ސަރަހައްދު ހެދުން
  • 7. އެކި ރަށްރަށުގެ ޕޮލިސް ސްޓޭޝަން ގާއިމްކުރުން
  • 8. ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް
  • 9. ޕްރިވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
  • 10. އައުޓަރ އައިލެންޑް ހާބަރ، ވޯޓަރ ސަޕްލައި އެންޑް ސްވެރޭޖް ފެސިލިޓީ ޕްރޮޖެކްޓް
  • 11. ޒޯން 1 ގެ ސަރަހައްދީ ކުނި މެނޭޖްކުރުން
  • 12. ޕްރިޕެއަރިނގ އައުޓަރ އައިލެންޑް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

މި ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް "ދިޔަރެސް"އިން ގުޅުމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވަނީ ޕްރޮޖެކްޓްތަކާއި މެދު ކައުންސިލުން ދެކޭގޮތް ވިދާޅުވެފައެވެ.

މަކުނުދޫގައި އެއާޕޯޓް ތަރައްގީކުރުން:

އައުޒަމް ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ދައުރުގައި ފެށި މަކުނުދޫގައި އެއާޕޯޓުގެ މަސައްކަތުގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި އެންމެހާ ތައްޔާރީތައް މިހާރު ވެފައިވާކަމަށެވެ.

އެއާޕޯޓް މަސައްކަތް ކައުންސިލުން ހިތްހަމަ ޖެހޭ ފަދަ މޭރުމަކުން އައުޒަމް ވާހަކަ ދައްކަވާފައިވާއިރު މަކުނުދޫ އެއާޕޯޓަކީ ރައީސް އިބްރާހިމްގެ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށައިގެން ކުރިއަށްގެންދަން ވައުދުވީ މަސައްކަތެއް، ނަމަވެސް ދައުރު ނިމެން ބާކީ ކުޑަ ދުވަސްކޮޅަކަށްވީއިރު އަދިވެސް އެއާޕޯޓުގެ އަމަލީ މަސައްކަތް މިވަނީ ނުފެށިއެވެ. އަދި މި މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރީވެސް ރިޔާސީ އިންތިޚާބު ކުޑަތަންވުމުންނެވެ.

މަކުނުދޫ ފެނާއި ނަރުދަމާ ގާއިމްކުރުން:

މަކުނުދޫގައި މި ސަރުކާރުން ފެށި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އަދި ނިންމިފައިނުވެއެވެ. ނަމަވެސް އެ މަޝްރޫއާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސް އައުޒަމް ވިދާޅުވީ މަކުނުދޫ ފެނާއި ނަރުދަމާ ޕްރޮޖެކްޓަކީ އެ ސަރަހައްދުގައި އެންމެ ބާރު ސްޕީޑްގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްކަމަށެވެ.

އަލްޓެކް މޯލްޑިވްސް އާހަވާލުކޮށްގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓުގައި އެ ކުންފުނީގެ ފަރާތުން ކައުންސިލަށް ލިބެން ޖެހޭ ސަޕޯޓާއި ރަށުގެ ރައްޔިތުންނާ ގުޅިގެން އެ މަސައްކަތުގައި ކުރިއަށްދާ މިންވަރާއި ސްޕީޑާއި ކޮލިޓީ އެއީ ވަރަށް ބަލައިގަންނަކަމެއްކަމަށްވެސް އައުޒަމް ވިދާޅުވެފައިވެއެވެ.

މަކުނުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް އާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާއި ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗަރ އަކަށެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ މާޗު މަހުގެ 3 ވަނަ ދުވަހުގައެވެ. އަދި މަސައްކަތް ނިންމަން ޖެހެނީ 660 ދުވަސް ތެރޭގައެވެ.

އެހެން ނަމަވެސް ނިންމަން ދިން ތާރީޚަށް އެ މަސައްކަތް ނިންމިފައިނުވާއިރު 56 މިލިއަން ހަރަދު ކުރާ އެ މަޝްރޫއު މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމިފައިވަނީ އެންމެ 34 އިންސައްތަ މަސައްކަތެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މި ފަސް އަހަރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ގާއިމުކުރުމަކީ ރައީސް އިބްރާހިމްގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ރައީސް ގެ ގިނަ ވައުދުތައް ފަދައިން އެ މަސައްކަތްތައްވެސް އެދެވޭ ސްޕީޑެއްގައި ރަށްރަށުގައި ކުރިއަށް ނުދާކަން ރައްޔިތުން ފާހަގަކުރެއެވެ.

މަކުނުދޫ ހޭންޑްބޯލް ކޯޓު ތަރައްގީކުރުން:

މަކުނުދޫ ހޭންޑްބޯލް ކޯޓުގެ މަސައްކަތާއި ގުޅިގެން ވާހަކަ ދައްކަވަމުން އައުޒަމް ވިދާޅުވީ އެ ދަނޑުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި ކުރިއަށް އޮތް މަހެއް ނުވަތަ ދޮޅުމަހެއްގެ ތެރޭގައި އެ މަސައްކަތް އެކީ ނިންމާލެވޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

މަކުނުދޫ ހޭންޑްބޯލް ދަނޑުގެ މަސައްކަތަކީ 30 ނޮވެންބަރު 2022 ގައި ނިންމާނެ ކަމަށް ސަރުކާރުން ބުނި މަސައްކަތެކެވެ. އެހެން ނަމަވެސް އެ މަސައްކަތް އަދިވެސް ނިންމިފައިވާއިރު އެ ޕްރޮޖެކްޓަށް މި އަހަރުގެ ބަޖެޓުގައި 310,000ރ. އަދި އަންނަ އަހަރުގެ ބަޖެޓުގައި 620,000ރ. ހިމަނާފައިވެއެވެ.

މަކުނުދޫ ހޭންޑްބޯލް ކޯޓުގެ މަސައްކަތް މަހެއްހާ ދުވަސް ތެރޭގައި ނިމޭނެކަމަށް ކައުންސިލްގެ ރައީސް އައުޒަމް ވިދާޅުވި ނަމަވެސް އެ ކޯޓު އަޅާ ސަރަހައްދު އަދި ވަނީ ސާފުވެސް ނުކޮށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައިވެސް އެ މަޝްރޫއުގެ މަސައްކަތް ނިންމިދާނެކަމަށް ނުބެލެވެއެވެ.

ހޭންޑްބޯލް ދަނޑުގެ އިތުރުން މަކުނުދޫ ފުޓްސަލް ދަނޑާއި ގުޅިގެންވެސް އައުޒަމް "ދިޔަރެސް"އަށް މައުލޫމާތު ދެއްވާފައިވެއެވެ.

އޭނާ ވިދާޅުވީ ފުޓްސަލް ދަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ޒުވާނުން އެކަމަށް ރިކުއެސްޓްކޮށްފައިވާކަމަށާއި ޔޫތް މިނިސްޓްރީން ފުޓްސަލް ދަނޑު މަރާމާތުކުރުމަށްޓަކައި ކައުންސިލަށް ޓާފް ދީފައިވާކަމަށެވެ. އެހެންވެ އެ މަސައްކަތް ކައުންސިލްގެ ބެލުމުގެ ދަށުން ވަރަށް އަވަހަށް ކުރިއަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަކުނުދޫ ސްކޫލް މަލްޓި ޕާޕަސް ހޯލް

މަކުނުދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ހަވާލުކުރެވި ވަރަށް ގިނަ ދުވަސް ވަންދެން ކޮންޓްރެކްޓާ އެ މަސައްކަތް ނުކުރެވިވާކަމަށާއި އެ މަސައްކަތުގެ ފެންވަރާ ދޭތެރޭ ކައުންސިލްގެ ހިތް ހަމަ ނުޖެހުންވެސް ފާޅުކުރެވިފައިވާނެކަމަށް އައުޒަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިނިސްޓްރީން އެ ކޮންޓްރެކްޓް ބާތިލްކޮށް އެހެން ބަޔަކާ އެމަސައްކަތް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މަސައްކަތް އެހެންބަޔަކާ ހަވާލުކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަކަމަށް އައުޒަމް ވިދާޅުވިއެވެ.

ހދ.މަކުނުދޫ ސްކޫލް މަލްޓި ޕާޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެއިއެމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ.

12،008،846.18 ރުފިޔާއަށް 2022 ވަނަ އަހަރުގެ އޭޕްރިލް މަހު އެ މަސައްކަތް އެ ކުންފުންނާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މަކުނުދޫ މަލްޓިޕާޕަސް ހޯލުގެ ކޮންޓްރެކްޓް ބާތިލުކުރީކަމަށް އައުޒަމް ވިދާޅުވީ ނަމަވެސް މަކުނުދޫ ސްކޫލް މަލްޓި ޕާޕަސް ހޯލު އިމާރާތްކުރަމުންދާ މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއްވުމުން މިދިޔަ ޖޫން މަހުގެ ތެރޭގައި އެ މުވައްޒަފުންވަނީ ކައުންސިލް އިދާރާ ކުރިމަތީ މުޒާހަރާ ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން މަކުނުދޫއިން މައުލޫމާތު ދިން މީހަކު "ދިޔަރެސް"އަށް ބުނީ އެ މުވައްޒަފުން ކައުންސިލް އިދާރާއަށް މުޒާހަރާއަށް ގޮސްފައިވަނީ މުސާރަ ނުދިނުމުގެ ސަބަބުން ވަރަށް ދަތިވެގެން ކަމަށާއި އޭރު އެ ޕްރޮޖެކްޓްގެ މުއްދަތުވެސް ހަމަވެފައިވާކަމަށެވެ.

"2022 ވަނަ އަހަރު މެއި މަހުގައި ސޮއި ކޮށްފައި އޮތް ޕްރޮޖެކްޓެއް އެއީ، މި އަހަރުގެ މެއި މަހަށް ހަމަވީ، މުއްދަތު ހަމަވީ އިރު އަދި ފައުންޑެޝަން އެކަނި އަޅާލެވުނީ" އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
"ކޮމްޕެނީއިން މުވައްޒަފުން ކައިރީ ބުނަނީ ތިމަންނަމެންނަށް މުސާރަ ދެވޭނީ މިނިސްޓްރީން ލާރި ދިނީމައޭ، މި އަހަރު ކުރީ ކޮޅު ލާރި ހޯދުމަށް މިނިސްޓްރީގައި އާދޭސް ކުރުމުންވެސް މިއަދާ ހަމައަށްވެސް ލާރި ނުލިބޭކަމަށް އެ ކުންފުނިން ބުނަނީ" އޭނާ ބުނެފައިވެއެވެ.

މަކުނުދޫ އައުޓްޑޯ ޖިމް ގާއިމްކުރުން:

މަކުނުދޫ އައުޓްޑީ ޖިމާއި ގުޅިގެން އައުޒަމް ވިދާޅުވީ އެ ޖިމްއަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން މިހާރު ކައުންސިލާ ހަވާލުކޮށްފައިވާކަމަށެވެ.

"މިވަގުތު މިދަނީ އައުޓްޑޯ ޖިމް ސަރަހައްދު ޒީނަތްތެރިކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދަނީ" އައުޒަމް ވިދާޅުވިއެވެ. އައުޒަމް މިފަދައިން ވިދާޅުވި ނަމަވެސް މަކުނުދޫ ރައްޔިތުން ބުނާ ގޮތުން އައުޓްޑޯ ޖިމުގެ ސާމާނުތައް އެތުރުން ފިޔަވައި ޖިމުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނެތެވެ. އަދި ޖިމުގެ މަސައްކަތް ނިމޭނެ ތާރީޚެއްވެސް ނޭނގޭކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.

މަކުނުދޫ އައުޓްޑޯ ޖިމްގެ މަސައްކަތްވެސް އަދި ނިންމިފައިނުވާއިރު ސަރުކާރު ވެބްސައިޓް އައިލްސްގައި އެ މަސައްކަތް ފަށާފައިވާކަމަށް ވެސް އަދި ބުނެފައެއް ނުވެއެވެ. އަދި އެ މަސައްކަތަށް މި އަހަރުގެ ބަޖެޓް ގައި 60,000ރ. އަދި އަންނަ އަހަރުގެ ބަޖެޓުގައި 40,000ރ. ހިމަނާފައިވެއެވެ.

ކުނި މެނޭޖުކުރުން:

ކުނި މެނޭޖުރުމުގެ ޕްރޮޖެކްޓާއި ގުޅިގެން އައުޒަމް ވިދާޅުވީ ކުނި މެނޭޖްކުރުމަށްޓަކައި މަކުނުދޫ ކައުންސިލްއާއި ސޮނެވަރ ނަމޫނާއާއެކު އެއްބަސްވުމެއްވެފައިވާކަމަށެވެ.

ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދިއުމުގައ ބައެއް ގޮންޖެހުންތައް ކުރިމަތިވިކަމަށާއި އެ ކަންކަން މިނިސްޓްރީއާ ހިއްސާކުރިކަމަށް އޭނާ ވިދާޅުވިއެވެ. އައުޒަމް ވިދާޅުވީ އެ މައްސަލަތަކަށް ހައްލު ލިބި މިނިސްޓްރީ މަސައްކަތް ކުރިއަށް ގެންދެވޭގޮތަށް މިނިސްޓްރީން އެޕްރޫވަލް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްވެސް އަދި މިހާތަނަށް ނުފެށޭކަމަށް އޭނާ ވިދާޅުވިއެވެ.

މަކުނުދޫ ސިއްހީ މަރުކަޒު އައު އިމާރާތް:

މި މަސައްކަތާއި ގުޅިގެން އައުޒަމް ވިދާޅުވީ މަކުނުދޫ އާ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރުމަށްޓަކައި ކައުންސިލުން ބިން ކަނޑައަޅައިދީފައިވާކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓް މަކުނުދޫގައި އަދި ކުރިއަށް ނުދާކަމަށެވެ.
އެހެން ނަމަވެސް މިހާރު ހުރި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މި ސަރުކާރުން ކުރިއަށް ގެންގޮސް މަރުކަޒުގެ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވާ އައުޒަމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ތާރީފް ކުރައްވާފައެވެ. އޭނާ ވިދާޅުވީ އުންމީދު ކުރެވެނީ އާ ސިއްހީ މަރުކަޒެއް ލިބޭނެ ދުވަހަކަށްކަމަށެވެ.

މަކުނުދޫ އާ ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ފަށާނެކަމަށް ސަރުކާރުން ބުނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް މަސައްކަތް އަދިވެސް ފެށިފައިނުވާއިރު އެރަށު ކައުންސިލުން ދިން މައުލޫމާތަށް ބަލާއިރު މި ދައުރުގެ ތެރޭގައި އެ މަސައްކަތް ފެށިދާނެކަމަށްވެސް ނުބެލެވެއެވެ.

މަކުނުދޫ ދޯނި އެހެލާ ސަރަހައްދު ހެދުން:

އައުޒަމް ވިދާޅުވީ މަކުނުދޫ އޮޑި އެހެލާ ސަރަހައްދު ހެދުމަށްޓަކައި ކައުންސިލާ މަޝްވަރާކޮށް އެ ޕްރޮޖެކްޓް ކައުންސިލާވެސް ހަވާލުކުރިކަމަށެވެ.

އެހެންނަމަވެސް ކައުންސިލުން އެވަރުގެ ޕްރޮޖެކްޓެއް ހިންގުމުގެ ގާބިލިއްޔާތުކަން އެވަގުތު ނެތުމާއި އެ މަސައްކަތް ކުރާހާ މުވައްޒަފުން ނެތުމުން އެކަމާއި ގުޅިގެން މިނިސްޓްރީއާ މަޝްވަރާކުރިކަމަށް އޭނާ ވިދާޅުވިއެވެ. އައުޒަމް ވިދާޅުވިގޮތުގައި އެ މަސައްކަތްވެސް އަދި ފެށިފައެއް ނުވެއެވެ.

އެކި ރަށްރަށުގެ ޕޮލިސް ސްޓޭޝަން ގާއިމްކުރުން:

އައުޒަމް ވިދާޅުވީ ޕޮލިސް ސްޓޭޝަން ގާއިމްކުރުމަށްޓަކައި ބިޑް ކުރުމުގެ މަރުހަލާއެއްގައި އުޅޭކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި އެ ޕްރޮޖެކްޓްގެ އަޕްޑޭޓެއް ފަހުން ލިބިފައި ނުވާކަމަށެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުން ބޮޑު ލޯނެއް ނަގައިގެން ހިންގަން ފަށާފައިވާ މަޝްރޫޢެކެވެ.

ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް މީގެ 2 އަހަރު ކުރިން އިންޑިއާ ކުންފުންޏެއްކަމަށްވާ އޭބީއެލް އިންދުރާއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އެ ކުންފުނިން އެއްވެސް ރަށެއްގެ ޕޮލިސް ސްޓޭޝަނުގެ މަސައްކަތް ފަށާފައިނުވެއެވެ.

މި މަޝްރޫޢުގެ ދަށުން މަކުނުދޫގައި ޕޮލިސް ސްޓޭޝަން ޤާއިމުކުރުމަށް ކަނޑައެޅި ބިން ސާފުކޮށް އެތަނުގައި މަސައްކަތްކުރުމަށް މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައިނުވާއިރު މި މަޝްރޫޢުގެ މަސައްކަތް ފެށޭނެ ތާރީޚެއްވެސް ނޭނގެއެވެ.

މިއިން އެއްވެސް މަޝްރޫޢެއް ނިންމައިނުލެވުނު ނަމަވެސް މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް ވިދާޅުވީ މި ސަރުކާރުގެ މަސައްކަތްތަކާމެދު ވަރަށް އުފާވާކަމަށާއި، ސަރުކާރު ވަރަށް ރަނގަޅު ކަމަށެވެ.

މި ލިއުމާއި ގުޅޭ