މި ސަރުކާރުގެ ޝައުގުވެރިކަން ހުރީ ކަންކަމަށް ނުފޫޒު ފޯރުވަން ކުންފުނިތަކުން މީހުންނަށް ވަޒީފާ ދޭން އެކަނިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ މަސްތިވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ދެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރަށް ގޮވާލާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް ވިދާޅުވީ ދައުލަތުން ކަމެއް ރަނގަޅު ކުރަން ޖެހުނީމައި އެކަމެއް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ކަންކަން ކުރަމުންދާ ގޮތް ސާފުކޮށް ފެންނަމުންދާ ކަމަށެވެ.
އެކަމުގެ މިސާލެއް ދައްކަވަމުން ގާސިމް ވިދާޅުވީ ބަޔަކަށް ވަޒީފާ ދޭން ބޭނުންވެއްޖެނަމަ ކުންފުނިތަކުން ވަޒީފާތައް "އުތުރި އަރަމުންދާ" މިންވަރު ފެނިގެންދާ ކަމަށާއި ފެނަކަ ނުވަތަ އާރްޑީސީ ފަދަ ކުންފުނިތަކުން ވަޒީފާތައް އުފައްދައިގެން މީހުންނަށް ވަޒީފާ ދިންނަމަވެސް، ބޭނުންޖެހިފައިވާ ދާއިރާތަކުގައި އެކްސްޕާޓުންނާއި މުވައްޒަފުން ނެތް ކަމަށެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން އަހަންމިއްޔަތުކަން ދޭ މިންވަރު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށާއި ކޮންމެ ބައެއްގެ މެނިފެސްޓޯގައި ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބަޔާންކުރި ނަމަވެސް އެކަން ތަންފީޒު ނުވާ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ ގާނޫނާ ހިލާފަށް އެއްވެސް ބަޔަކު ކުރާ އެއްވެސް ކަމެއް އޭނާ ބަލައި ނުގަންނަ ކަމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ނިޒާމް މިހާރަށްވުރެ ރަގަޅަށް، ބެލުންތެރިކަމާއެކު ކުރެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.