Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ!

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިމްރާހީމް ނިންމަވައިފި އެވެ.

ޖޭޕީއަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަންގެ މެންބަރެއް ނަމަވެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖޭޕީން ނިންމީ، އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބަށް ނިކުތުމަށެވެ.

އެގޮތުން އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޖޭޕީން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އެއްވެސް ބޭފުޅަކު ޕާޓީގެ ޓިކެޓު ހޯދުމަށް ހުށަހަޅާފައި ނުވާކަމަށް އެ ޕާޓީން ބުންޏެވެ.

އެހެންވެ، ޕާޓީގެ މެންބަރުން އެދޭ ގޮތަށް، ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމަށް ގަސްދުކުރައްވާ ކަމަށް ވިދާޅުވެ ޕާޓީގެ ލީޑަރު ގާސިމް ފޮނުއްވި ސިޓީކޮޅު އެ ޕާޓީން ދާދި ދެންމެ ވަނީ އާންމުކޮށްފަ އެވެ.

ޕްރައިމަރީއަށް ހުޅުވާލި އިރުވެސް ޖޭޕީގެ އިސް ބޭފުޅުންނާއި މެންބަރުން އައީ ލީޑަރު ގާސިމަށް ތާއީދު ކުރައްވަމުންނެވެ. އަދި ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ވެސް މީގެ ކުރިން ވަނީ އިންތިހާބުގައި ގާސިމް ވާދަކުރާނެ ކަމަށް ދޭހަވާގޮތަށް ކޮށްފައިވާ "ގާސިމް 2023" ލިޔެފައިވާ ބައެއް ޓްވީޓުތައް ރީޓުވީޓު ކޮށްފަ އެވެ.

ސިޔާސީ ލީޑަރުންގެ ތެރެއިން، ރިޔާސީ ރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް، ރޭ އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.
އިލްހާމް ރޭ ވިދާޅުވި ގޮތުގައި އިންތިހާބަށް ޖޭޕިއާއެކު ކޯލިޝަން ހަދަން މަޝްވަރާ ކުރުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަކު އެކުލަވާނީ ޖޭޕީ އިސްވެ އޮންނަ، އެ ޕާޓީގެ ކެންޑިޑޭޓަކު އިންތިހާބަށް ނެރެވޭ ކޯލިޝަނެކެވެ.
ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީން ލިބިވަޑައިގެން ނާކާމިޔާބީއަށްފަހު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމްގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން، ޕޭޖީގެ ކެންޑިޑޭޓަށް ތާއީދުކުރަން އެ ފެކްޝަނުން ރޭ ޖޭޕީއާއެކު ބޭއްވި ބައްދަލުވުމަށްފަހު ވަނީ ނިންމާފަ އެވެ.

ރޭގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ މިހާރު ޖޭޕީއާއެކު ރަސްމީކޮށް ކޯލިޝަން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރާނެ ގޮތުގެ މެނިފެސްޓޯއެއް އެކުލަވާލަންވެސް ދެފަރާތުން ވަނީ އެއްބަސްވެފަ އެވެ.

މި ލިއުމާއި ގުޅޭ