ދައުލަތުގެ މާލީ ބުރަ ކުޑަކޮށް، ޕެންޝަން ނިޒާމަށް ބަދަލު ގެންނައިރު އެހައްލު ވާން ޖެހޭނީ މެދުމިނުގެ ހައްލަކަށް ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.
ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރުމަށް މާލިއްޔަތު ކޮމިޓީން އިސްނަގައިގެން މަސައްކަތް ފަށާފައިވާއިރު، ކަމާބެހޭ އިދާރާތައް ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދު ބައްދަލުވުމަށް ހާޒިރުވެ ވާހަކަ ދައްކަވަމުން ސުޖާތާ ވިދާޅުވީ، ޕެންޝަން ގާނޫނު ވުޖޫދަށް އައި ފަހުން ވެސް އެކިއެކި ނިޒާމުތައް ކުރިއަށްދާ ކަމަށާއި، މިއާއެކު ޕެންޝަން ލިބޭ މީހުންގެ އުންމީދުތައް ހުރީ އެގޮތަށް ބައްޓަން ވެފައި ކަމަށެވެ.
އޭނާ ވިދާޅުވީ ޕެންޝަން ގާނޫނު ވުޖޫދުވި ފަހުން 15 އަހަރު ދުވަސް ފާއިތުވެފައި ވާއިރު، އޭގެ އިތުރުން އެހެން ނިޒާމުތަކުގެ ތެރެއިން ޕެންޝަން ލިބޭ މީހުންގެ ދިރިއުޅުން ބިނާކޮށް ބައްޓަންކޮށްފައިވަނީ އެ އެކްސްޕެކްޓޭޝަން އާ އެކު ކަމަށެވެ. އެހެން ކަމުން ކަމެއް ހައްލު ކުރަން ވާނީ އެ އުއްމީދު ކުރާ ގޮތާއި ދައުލަތުން ބޭނުންވާ ގޮތުގެ މެދު މިނެއް ހޯދައިގެން ކަމަށެވެ.
"އެ ބަޔަކަށް ލިބެމުންދާ އެއްޗެއް ހުއްޓުން ނޫނިއްޔާމުން މަދުވެގެން އެ އެކްސްޕެކްޓޭޝަންއަށް ވުރެ މާ ބޮޑަށް މަދުވެގެން ދިޔުމަކީ އެހާ އެދެވޭ ގޮތަކަށް ނުވާނެ ރިފޯމެއް ގެންނަ އިރަކު،" ސުޖާތާ ވިދާޅުވިއެވެ.
ޕެންޝަން ނިޒާމަށް ބަދަލުތައް ގެންނައިރު، އެންމެ އެކަށީގެންވާ ގޮތަކީ ވަކި ތާރީޚެއް ކަނޑައަޅައިގެން މަސައްކަތް ފެށުން ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ރިފޯމް ކުރެވޭނީ މި ތާރީހު ކަނޑައަޅައި މީހުން އުއްމީދުކުރާ ގޮތް ރަނގަޅަށް ދެނެގަނެގެން އިސްލާހުތައް ގެނައުމުން ކަމަށެވެ.
ޕެންޝަން ނިޒާމުގައި އިސްލާހުކުރަން ޖެހޭ ކަންކަމަށް އަލިއަޅުއްވާލައްވައި އޭނާ ވިދާޅުވީ ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔުމާއި ޑިފައިންޑް ބެނެފިޓު ލިބުމަކީ މައްސަލައެއް ކަމަށާއި، މި ފައިސާ ވެސް ލިބެނީ ދައުލަތުގެ މުވައްޒަފުންނަށް ވީހިނދު، ހަމަހަމަކަމުގެ އުސޫލެއް ނެތް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުވައްޒަފުން ކޮންޓްރިބިއުޓު ކުރަން ބޭނުން ނުވާނެ ކަން ވެސް ފާހަގަ ކުރެއްވިއެވެ.
"ވަޒީފާއިން ވަކިވާ ހިނދު، އެކަމަކު މިއީ އަނެއްކާ ވެސް މި ފޯކަސް ވަނީ އެއްކަލަ ދައުލަތުގެ މުވައްޒަފުންނަށް. އެހެން ވީމައި މީގައި އެބައުޅޭ އިކުއިޓީގެ މައްސަލައެއް،" އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު 100 މިލިއަނެއްހާ ރުފިޔާ ހޭދަވާ ކަމަށާއި، 2030 ވަނަ އަހަރަށް ވާއިރު މި ނިޒާމު މިގޮތަށް ނުދެމެހެއްޓޭނެ ކަމުގައި ވެސް ސުޖާތާ ވަނީ ވިދާޅުވެފައެވެ. އެގޮތުން 2030 އަންނައިރު، 65 އަހަރުގެ އާބާދީ ހަތް ޕަސެންޓަށް އިތުރުވާނެ ކަމަށާއި، އުމުރުން ދުވަސްވާ މީހުންގެ ނިސްބަތް އިތުރުވުމާއެކު ޕެންޝަނަށް ކުރާ ޚަރަދު ވެސް އިތުރުވާނެ ކަމަށެވެ.
މީގެކުރިން އޮންނަ އުސޫލުގެ ދަށުން ޕެންޝަން ލިބެނީ ދައުލަތަށް ހިދުމަތް ކުރާތާ 20 އަހަރުވުމުން ނަމަވެސް މިހާރުގެ ގާނޫނުގެ ދަށުން ދައުލަތުގެ މުވައްޒަފުންނާއި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ފުރަތަމަ މުސާރައިން ފެށިގެން ޕެންޝަން ލިބޭނެ މަގުފަހިވެގެންދެއެވެ.
ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކުން ޕެންޝަން ނިޒާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށާއި، ޑަބަލް ޕެންޝަންގެ ނިޒާމަކީ ހައްލު ކުރަން ޖެހޭ މާލީ ބުރައެއް ކަމަށް ބުނެ މާލިއްޔަތު ކޮމިޓީގެ ސަމާލުކަމަށް މިކަން ގެނައީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.
މީގެކުރިން ފިނޭންސުން މައުލޫމާތު ދިން ގޮތުގައި އެއްފަހަރާ ޕެންޝަން ދިނުމަށް ދައުލަތުން މިދިޔަ އަހަރު 46.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރު 45.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަހުން މަހަށް ދޫކުރާ އަދަދުގެ ގޮތުގައި 2023 ވަނަ އަހަރު 286.7 މިލިއަން ރުފިޔާ، މި އަހަރު 339.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމުގެ ތެރެއިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވެންސް ނުލިބޭ ގޮތަށް ހަމަޖައްސަން މިދިޔަ ޑިސެމްބަރު މަހު ސާކިއުލާއެއް ފޮނުވި ނަމަވެސް ސަރުކާރުން ފަހުން ވަނީ އެބަދަލު ނުގެންނަން ނިންމާފައެވެ.