މާލޭ ގެއެއްގެ ފުރާޅު މަތީގައި ވެއްޓިފައި އޮތް އަންހެން މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމުގައި އައިޖީއެމްއެޗުން ބުނެފި އެވެ.
އިއްޔެ މާލޭގެ ގެއެއްގެ ފުރާޅު މަތީގައި ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެކެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާ އެކު، އޭނާ ފުރާޅުމަތިން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު "ދިޔަރެސް"އަށް ބުނީ، އެ އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.
އޭނާ ވެއްޓިފައި އޮތީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށެވެ. އެ އަންހެން މީޙާ ފުރާޅު މަތީގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހެނދުނު 7:23 ގަ އެވެ.