Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިމްތިޔާޒު ކޮމިޓީ

ހޯމް މިނިސްޓްރީން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ބަލަން ފާހެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހޯދަން އެދުނު މައުލޫމާތައް ހޯމްލޭންޑް މިނިސްޓްރީން ޖަވާބުދީފައި ނުވާ މައްސަލަ ބެލުމަށް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ފާސްކޮށްފިއެވެ.

މިއީ ހޯދަން އެދިފައިވާ މައުލޫމާތު ހޯމްލޭންޑް މިނިސްޓްރީ އަދި ފުލުހުން ދީފައި ނުވާއިރު، މިކަމަކީ ރައްޔިތުންގެ މަޖިލީޙުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާނުވުމުގެ އަމަލެއް ކަމަށް ބަޔާންކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

ކޮމިޓީއަށް ފޮނުވި ސިޓީގައި ފުލުހުން ބުނެފައިވަނީ އެ މައުލޫމާތު ފޯރުކޮށްދީފައި ނުވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

މިއަދުގެ ކޮމިޓި ބައްދަލުވުމުގައި މި މައްސަލައިގައި ގޮތެއް ނިންމަން ޖެހޭ ކަމަށާއި، މިއީ ފުރަތަމަ ފަހަރު ކަމަށް ބެލުމަށް ފަހު މައްސަލަ ނިންމައިލަން ޖެހޭ ކަމަށް ވިދާޅުވެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވަނީ އެގޮތަށް ހުށަހަޅުއްވާފައެވެ. އޭނާ ހުށަހެޅުއްވީ މިހާރު ލިބިފައިވާ ޖަވާބު މެންބަރު ކުޑޫ އަށް އެރުވުމަށް ފަހު މައްސަލަ ނިންމައިލުމަށެވެ.

މެންބަރުގެ މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގެވެ. މެންބަރު ވިދާޅުވީ މިއީ މިފަދަ ކަމެއް ހިނގައިދިޔަ ފުރަތަމަ ފަހަރު ކަމަށާއި، ފުލުހުން ފޮނުވި ސިޓީގައި އެކަހަލަކަމެއް ތަކުރާރު ނުވާނެކަން ފާހަގަކޮށް އެކަމަށްޓަކައި މާފަށް ވެސް އެދިފައިވާ ކަމަށެވެ.

މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވަނީ ޖަވާބު ދީފައިވީ ކަމުގައިވީ ނަމަވެސް ކަމާ ގުޅުންހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ ފުލުހުންނާއި ހޯމްލޭންޑްގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރުމަށް ފެންނަ ކަމަށާއި، މިއީ ވަރަށް ބޮޑަށް އާދައަކަށް ވެފައިވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކުން ރައްޔިތުން ފޮނުވާ ސުވާލުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފޮނުވާ ސުވާލުތަކަށް ޖަވާބު ނުދޭ ކަމަށެވެ.

އަދި މަޖިލީހަށް ވަޒީރުން ހާޒިރުކުރުމަށް ނޯޓިސް ފޮނުވައި، މުއްދަތު ހަމަވާއިރު އެކަމަށް ވެސް ޖަވާބު ނުދެއްވާ އިދާރާތައް އެބަހުރި ކަމަށާއި، ލިޔުމުން ޖަވާބު ދެއްވަން ވަޒީރުންނަށް ފޮނުވާ ސުވާލުތަކަށް ވެސް ޖަވާބު ނުދެއްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ ކުޅޭ ކުޅޭ ތަނެއް ނޫން. މިއީ ދައުލަތުގެ އެއްބާރު. ހިތުހުރިހާ ގޮތަކަށް ކަންތައް ކުރަން އަޅުގަނޑުމެންނަކަށް ފުރުސަތެއް ނުދެވޭނެ. މިސާލަކަށް ދައުލަތުގެ އެއްބާރު ފަނޑިޔާރު ގެޔަކީ. ކޯޓަކަށް ގޮސް، ކޯޓުގެ ހުރުމަތް ކަނޑައިފިއްޔާ ފިޔަވަޅު އަޅާއެބަ"، އަޒާން ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގެންފި ނަމަ އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދުތައް ލިޔެފައިވާ ކަމަށާއި، އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގޮތަށް އަމަލުކޮށް، އެ ބޭފުޅުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.

އަދި ފުލުހުން ފޮނުވި ސިޓީގައި ދައްކާފައިވާ ވާހަކައަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ޒާތުގެ ވާހަކަ އެއް ނޫން ކަން ވެސް މެންބަރު ފާހަގަކުރެއްވިއެވެ.

ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގްވެސް ވަނީ މެންބަރު އަޒާންގެ ވާހަކައަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އެހުމުން، ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެހެން ކަމުން ކޮމިޓީއަށް ފުލުހުން ހާޒިރު ކުރުމަށް ހުށަހެޅި ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ