ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އިމްތިޔާޒާބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މި މައްސަލައަކީ މިދިޔަ ޖޫންމަހުގެ ތެރޭގައި ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީއިން މަޖިލީހަށް ހުށަހެޅިއިރު ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގެން މަޖިލީހުގެ ގޯތިތެރޭގައި ހުރި ކުޑައެއް ދަށުގައި ނަޝީދު އިންނެވުމުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި މައްސަލައެކެވެ.
މި މައްސަލަ ހުށަހެޅުއްވީ ޖޫންމަހުގެ 19 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށެވެ.
މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާއިރު ރިޔާސަތުގައި އިންނަވަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ނަޝީދު އެކަމަށް އިންކާރު ކުރައްވައި ރިޔާސަތުގައި ނީންނެވުމަކީ ގަވާއިދާ ޚިލާފުކަމެއް ކަމަށާއި އެހެންކަމުން ނަޝީދު ވަނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައި ކަމަށެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ނަޝީދުގެ މައްސަލާގައި ކަނޑައަޅާނެ ގޮތަކާ ގުޅޭ ގޮތުން އެއްވެސް މެންބަރަކު ޚިޔާލެއް ހުށަހަޅުއްވާފައިނުވާ ކަމަށެވެ. އަދި ދެ މެންބަރަކު ޚިޔާލެއް ހުށަހެޅުއްވި ނަމަވެސް އެއީ ނަޝީދު ރިޔާސަތުގައި އިންނެވިއިރު އެކަމަށް ހައްލު ހޯއްދަވަން ހުށަހެޅުއްވި ހުށަހެޅުންތަކެއް ކަމުން މިހާރުގެ ހާލަތާ އެ ހުށަހެޅުންތައް ނުގުޅޭ ކަމަށެވެ.
އެހެންކަމުން އިތުރު ގޮތެއް ހުށަހެޅިފައިނުވާތީ މި މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުއްވިކަން އަސްލަމް ވަނީ އިއުލާނު ކުރައްވައިފައެވެ.