Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަރީ ކޮމިޓީ

އަޒްމިރަލްދާ ހުށަހެޅުއްވި ޝަކުވާގެ މައްސަލަ ޖުޑީޝަރީ ކޮމިޓީން ބަލަނީ

ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދަނީ ބޭއިންސާފުން ކަމަށް ބުނެ އޭނާ ހުށަހެޅުއްވި ޝަކުވާގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުހެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ފަށާފައިވާއިރު އެކަމާ ގުޅިގެން ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑުކޮށްފައެވެ. ސަސްޕެންޝަނުގައި ހުއްޓައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޖޭއެސްސީން ދަނީ އަޒްމިރަލްދާގެ ތިން މައްސަލައަކާއި ފަނޑިޔާރު މަހާޒު އަލީގެ ދެ މައްސަލައެއް ބަލަމުންނެވެ. އެގޮތުން، އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަކާއި، ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ ބަލާ މައްސަލައެކެވެ.

މީގެއިތުރުން، އަޒްމިރަލްދާގެ ދިފާއުގައި އޭނާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ އެ މައްސަލަވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ވަނީ ބަލަންފަށާފައެވެ.

އެ މައްސަލަތައް ބަލަމުން ދަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ، ޖޭއެސްސީގެ ތަހުގީގު ކޮމިޓީގައި ތިއްބެވި ތިން މެންބަރުންގެ މައްސަލަ ބެލުމަށް އަޒްމިރަލްދާ ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

އެ ކޮމިޓީގައި ތިއްބަވަނީ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު އަދި ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ މެންބަރު އަލީ އަބްދުއްލަތީފެވެ.

މި މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެއަށްފަހު އޭނާ ވަނީ އެ މައްސަލައިގައި އަމަލު ކުރާނެ ގޮތަކާ މެދެ ބައެއް ހުށަހެޅުއްވުންތައް ހުށަހަޅުއްވާފައެވެ.

ފަޒާދު ވަނީ ކަން ހިނގި ގޮތް ޖޭއެސްސީން ލިޔުމުން ހޯދުމަށާއި، ޖޭއެސްސީގައި ހުރި އެ މައްސަލަތަކުގެ ލިޔެކިޔުންތަކާއި ސްޓެންޑަޑް އޮޕަރޭޓިން ޕްރޮސީޖާ ހޯދުމަށާއި، ލިޔެކިޔުންތައް ބެލުމަށް ފަހު ކޮމިޓީއަށް ހާޒިރުކުރަން ޖެހޭ ފަރާތްތައް ނިންމައި ހާޒިރުކުރުމަށް ހުށަހަޅުއްވާފައެވެ.

މި ހުށަހެޅުންތައް ބަލައިގަނެ މި ގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މި ލިއުމާއި ގުޅޭ