ނުހައްގު ގޯތީގެ މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ފަޒީލް ރަޝީދު މިއަދު ސަސްޕެންޑު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ސަސްޕެންޑު ކުރަން ނިންމާފައިވަނީ އެ ކުންފުނީގެ ބޯޑުންނެވެ. ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ފަޒީލް ސަސްޕެންޑް ކުރީ ފުލުހުން ފެށި ތަހުގީގަށް ޖާގަދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ފަޒީލްއަކީ ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް އޭނާ އަށް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީއާ އެކު ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް ފަޒީލް އެދިފައިވެއެވެ. މިއީ ލިޔެކިއުންތަކެއް އޮޅުވާލައިގެން ނުވަތަ ފޯޖް ކޮށްގެން ކޮށްފައިވާ ކަމެއްކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވެއެވެ.
މި މައްސަލައިގައި ފުލުހުން އިސްނަގައިގެން ޖިނާއީ ތަހުގީގެއް ވަނީ ފަށާފައެވެ. އަދި ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ފަޒުލް އާއި ބޯޑު މެންބަރުން ސަސްޕެންޑު ކުރަން ނިންމާފައެވެ.
އެ ގޯއްޗަކީ އެއްވެސް މީހެއްގެ ތަނެއް ނޫން ކަމަށް ހައުސިން އިން އަންގާފައި ވަނިކޮށް އެތަން ރާނާފައިވަނީ އެޗްޑީސީން ހުއްދަ ދީގެން ކަމެއް ނުވަތަ ހުއްދަ ނުދެނީސްކަން ސާފެއް ނޫނެވެ.
ސޯޝަލް މީޑިއާގައި ލީކުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗްޑީސީއަށް ހުށަހަޅާފައިވެއެވެ.
ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރުމަށް އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ކަމަށް މައުލޫމާތު ލިބެއެވެ.
އޭގެ ތެރެއިން އެ ބިން ލިބިފައިވަނީ ކޮން ފަރާތަކަށްކަން އެ ކުންފުންޏަށް އަންގަައިދޭން އެދިފައިވާއިރު, އެ ލޮޓް ނަންބަރުން ބިން ލިބުނު ކަމަށް ބުނާ އެކަކަކީ ފަޒުލްގެ ބޭބޭ ކަންވެސް ލީކުވެފައިވާ ސިޓީން އެނގެއެވެ. އެ ސިޓީގެ ޖަވާބުގައި 15 އޮގަސްޓްގައި ހައުސިން މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށެވެ.