ނިމުނު 19 ވަނަ މަޖިލީހުގެ އަޣުލަބިއްޔަތު އޮވެ، އެމްޑީޕީން ކަންތައް ކުރި ގޮތާ ޚިލާފަށް މި ހިނގާ 20 ވަނަ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަނީ ޚުދު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުން ކަމުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
2010 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް، ފޮރިން މިނިސްޓްރީގެ އަހަރީ ރިޕޯޓީތައް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ. ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ މިއަދާ ހަމައަށް އައި އިރު އެއްވެސް ރިޕޯޓެއްގައި ހުރި އެއްވެސް ކަމެއް ބަލައި ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ކޮރަޕްޝަނަށް މަގުފަހިވެގެންދިޔަ އެންމެ ބޮޑެތި ކަންތައްތަކެވެ.
ރިޕޯޓުތައް ދިރާސާ ކުރުމަށް ފަހު، އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، ފުލުހުންނަށް ހުށަހަޅަން ޖެހޭ މައްސަލަތައް ހުށަހަޅަން ރިޕޯޓުގައި ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ސަލީމް ވިދާޅުވީ ކޮމިޓީއާ ހަވާލުވިއިރު 1،500 އެއްހާ ރިޕޯޓު ހުރި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހުރިހާ ރިޕޯޓުތަކެއް ދިރާސާކޮށް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ކޮމިޓީ ރިޕޯޓަށް އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ މާލިއްޔަތު ކޮމިޓީން އެދެވޭ މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، ކޮމިޓީގެ މެންބަރުން އަމިއްލަ މަސައްކަތަށް ތައުރީފް ކުރައްވައި މޮޅެތި ވާހަކަ ދައްކަވަނީ އެއްވެސް އެއްޗެއް އެނގިނުލައްވައި ތިއްބަވައިގެން ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު ސަލީމް ވިދާޅުވީ ނިމުނު 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް މި ރިޕޯޓުތައް ހުށަހަޅުއްވާފައިވާ ކަމަށާއި، ނަމަވެސް އެ ކޮމިޓީގައި ރިޕޯޓުތަކުގެ މަސައްކަތް ނުހިނގުމުން ކޮމިޓީން އިސްތިއުފާ ދެއްވީ ކަމަށެވެ. ތަކުރާރުކޮށް އެ ވާހަކަ ދެއްކުމުންވެސް ކޮމިޓީން އެ މަސައްކަތްތައް ކުރުމަށް އެއްވެސް އަހަމިއްޔަތުކަމެއް ދީފައި ނުވާ ކަން މެންބަރު ވަނީ ފާހަގަ ކުރައްވާފައެވެ.
އެއާ ޚިލާފަށް ސަރުކާރު ހިންގާ ޕީއެންސީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް މި ހިނގާ 20 ވަނަ މަޖިލީހުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ މިނިސްޓްރީތައް އެކި މައްސަލަތަކުގައި ކޮމިޓީތަކަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމުގައި ސަލީމް ވިދާޅުވިއެވެ.
"އެ ހުރިހާ ތަނެއް ގެނެސްގެން މިހާރުވެސް މި ގެންދަނީ ސަރުކާރުގައި ހިނގާ ކަމެއް އޮވެއްޖެ ކަމަށް ވަންޏާ އެކަން ދިރާސާ ކުރަމުން. ސަރުކާރު ޖަވާބުދާރީ ކުރުވަމުން މިދަނީ ކޮންބައެއްތޯ؟ ސީދާ ޕީއެންސީން. އެކަން އަޅުގަނޑުމެން ކުރާނަން. ކޮބައިތޯ މިދިޔަ ތާރީޚުގައި މިދިޔަ ފަސް އަހަރު ތެރޭގައި އެ މީހުން އަމިއްލައަށް އެ މީހުންގެ ކުންފުނިތަކެއް ގެނެސްގެން މަސައްކަތެއް ކުރިތޯ އެހާ ވަރަށް ކޮރަޕްޝަނުގެ މައްސަލަ އޮތް ވާހަކަ ދެއްކި އިރުގައި؟ ލަދުހަޔާތް ކުޑަކަމޭ އަޅުގަނޑު ހިތަށް އަރަނީ ވާހަކަ ދައްކަން. އަޅުގަނޑުމެން ވާހަކަ ދައްކަން ވެއްޖިއްޔާ މި ވާހަކަ ނުދެއްކޭތީއެއް ނޫނޭ"، މެންބަރު ވިދާޅުވިއެވެ.
ނިމުނު އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އިރު، ސަރުކާރު ކުންފުނިތައް މަޖިލީހަށް ހާޒިރުކޮށްގެން އެއްވެސް މަސައްކަތެއް ކޮށްފައިވާ މަންޒަރު ފެންނަން އެބަ އޮތްތޯވެސް މެންބަރު ވަނީ ސުވާލުކުރައްވާފައެވެ.