Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

75 މެންބަރުންގެ ފުރާނަ ދުއްވާލާފައި ނޫނީ ރައީސްއާ ހަމައަށް ނުދެވޭނެ: ސަލީމް

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންގެ ފުރާނަ ދުއްވާލާފައި ނޫނީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް އެއްވެސް އަނިޔާއެއް ނުދެވޭނެ ކަމުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒަށް އިންޒާރުދިނުމުން، މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ އެމްޑީޕީން ދެއްކި ވާހަކަތަކުގެ ސަބަބުން ހައިރާން ކަމެއް ލިބުނުކަމަށާއި، ވެރިކަމަށް އެއް އަހަރު ދުވަސް ވީއިރު، ވެރިމީހާ އަށް އަނިޔާވެރިވުމުގެ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސަށް އަނިޔާއެއް ދިނުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަން ފާހަގަ ކުރައްވައި މެންބަރު ވިދާޅުވީ އެމަނިކުފާނާ ހަމައަށް ދެވޭނީ ޕީއެންސީގެ 75 މެންބަރުންނަށް ފަހު ކަމަށެވެ.

"ފަހަރެއްގައި ވެސް ހީކޮށްގެން ނުވާނެ އެއްވެސް ބަޔަކު އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް މުހައްމަދު އަމީނަށް ހަދައިލި ގޮތް ހަދާލެވިދާނެ ކަމަށް. އަޅުގަނޑުމެން މަޖިލީހުގައި މި ތިބި 75 މެންބަރުންގެ ފުރާނަ ދުއްވާލާފައި ނޫނީ ރައީސުލްޖުމްހޫރިއްޔާ އާއި ހަމައަށް ނުދެވޭނެ އިނގޭތޯ"، ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ވެރިމީހާއާ ދޭތެރޭ ނުރުހުނު ކަމުގައި ވިޔަސް، ވެރިމީހާ ކުރާ ކަންތައްތަކާ ދޭތެރޭ ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް، އުރެދުމަކަށް އަރައިގަތުމަށް އަމުރު ނުކުރާހާ ހިނދަކު އިސްލާމް ދީނުގައި އޮތީ ވެރިމީހާއަށް ކިޔަމަންވުން ކަމަށެވެ. އެހެންކަމުން ވެރިމީހާއަށް ކިޔަމަންވުން އަހަރުމެންގެ މައްޗަށް ލާޒިމް ކަމުގައި މެންބަރު ވިދާޅުވިއެވެ.

ވެރިކަމަކީ މާތް ﷲ ދެއްވާ އެއްޗެއް ކަމަށާއި، އަހަރުމެންނަށް އޮތީ އެކަމަށް ޝުކުރުކުރުންކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ ވެރިކަމަށް އަހަރު ދުވަސް ނުވަނީސް ވެރިމީހާ އަވަހާރަ ކޮށްލައި، ވެރިކަން ވައްޓާލަން މަސައްކަތް ކުރުމަކީ އެއްވެސް އުސޫލަކުން ނުވަތަ ހަމައަކުން ވެސް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އަނިޔާވެރިކަމަކީ، މުސްލިމުންނާއި ކާފަރުން ހިމެނޭހެން މާތް ﷲ އެންމެހާ މީސްތަކުންގެ މައްޗަށް ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ތާރީޚަށް ބަލާއިރު، މުހައްމަދު އަމީން އަވަހާރަކޮށްލީ ރައްޔިތުންނަށް އަނިޔާވެރިވެގެން ނޫން ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި އެ ދުވަސްވަރު ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގުމުގެ ކަންތައްތައް ހައްދު ފަހަނައަޅައި ގޮސްފައިވާ ކަމަށާއި، އެކަން ހުއްޓުވުމަށް އެމަނިކުފާނު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ގައުމު އިނދަ ނުޖެހި ހަމަ މަގަށް އެޅުމަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިކަން ސަލީމް ފާހަގަ ކުރެއްވިއެވެ. ގައުމު އިނދަޖެހިފައި އޮތް ހާލަތުން ނަގައިގަނެ ކަންކަން ހަމަމަގަށް އެޅުވުމަށް ރައީސް މަސައްކަތްޕުޅު ކުރައްވަމުން ދާއިރު، އެމަނިކުފާނާ މެދު ހަސަދަވެރިވެ، އަވަހާރަކޮށްލަން ގޮވައިލަންވީ އެއްވެސް ސަބަބެއް ނެތް ކަމުގައި ސަލީމް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ