ދައުލަތުގެ ފައިސާ ބޭނުންކުރާ ގޮތް ބެލުމުގައި އެއްވެސް ފަރާތަކަށް އިސްތިސްނާއެއް ނުދޭނެ ކަމަށާއި ކޮންމެ ސަރުކާރަކުންވެސް ގޯހަށް ކަމެއް ހިނގަންޏާއި އެކަމެއް ބައްލަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މެންބަރު ސަލީމް ވިދާޅުވީ ދައުލަތުގެ ފައިސާ ބޭނުންކުރާ ގޮތް ބެލުމުގައި މިހާރު އޮތް މާލިއްޔަތު ކޮމެޓީން މަސައްކަތް ކުރާ މިންވަރަށް މީގެ ކުރިން މަސައްކަތް ކޮށްފައިނުވާކަމަށެވެ.
"އެއިރެއްގައި އޮންނަ ސަރުކާރަކުން ކަން ކުރާ ގޮތް ބެލުމަށްޓަކައި މި މާލިއްޔަތު ކޮމެޓީން ކުރާ ވަރަށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރޭ، މި މާލިއްޔަތު ކޮމެޓީ ހުރިހާ ކުންފުނިތަކާއި ގުޅޭ މައްސަލަތަކުގައިވެސް ގެނެސްގެން ދިރާސާ ކުރަމުން އެގެންދަނީ، އޮފީހަކުން ގޯހެއް ހެދިޔަސް ޕްރޮކިއޮމެންޓް އެއްޗެހި ނަގައިގެން ދިރާސާތައް އެ ފަށަނީ" މިހާރުގެ ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދާގޮތް ފާހަގަކުރައްވާ މެންބަރު ސަލީމް ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ މި މައްސަލަތައް މިހާރުވެސް ބަލަމުން އަންނަގޮތަށް ކުރިއަށް އޮތް ތަނުގައިވެސް ބައްލަވާނެކަމަށެވެ.
"މި ސަރުކާރުވިޔަސް ކުރީ ސަރުކާރުވިޔަސް ގޯހުން ކަމެއް ހިނގަންޏާ ބަލަން މިހުރީ ރެޑީގައި"އަހްމަދު ސަލީމް| އޭދަފުށީ ދާއިރާ މެންބަރު
މެންބަރު ސަލީމް އިތުރަށް ވިދާޅުވީ ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާކަމަށާއި އެއީ ރައްޔިތުންގެ ޓެކްސް ފައިސާކަމަށެވެ.
އަދި ޓެކްސް ފައިސާ ބޭނުން ކުރަނީ އެންމެ ރަނގަޅަށްތޯ ބެލުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އޮތް ކޮމެޓީއަކީ މާލިއްޔަތު ކޮމެޓީކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ މުސްތަގުބަލުގައިވެސް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.