އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ އަވަސްކުރުމަށް އިދިކޮޅު އެމްޑީޕީން އެއްބާރުލުން ނުދޭކަމަށް 241 ކޮމިޓީގެ މުގައްރިރު،އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށް އެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
"މިކަމާއި ބެހޭގޮތުން އަޅުގަނޑުމެން ފުދޭވަރަކަށް މަސައްކަތް ކުރެވިއްޖެ އެކި ފަރާތްކަކަށް ވާހަކަ ދައްކައިގެން ބަޔަކު ގެނެވޭތޯ، އެކުރި މަސައްކަތުގައި މިހާތަނަށް އެއްވެސް ބަޔަކު ގެނެވޭ ގޮތެއް ނުވޭ" ކޮމެޓީޣައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވިއެވެ.
"އެންމެ ބޮޑަށް މަސައްކަތް ކުރީ މަޓީ ގެނެވޭތޯ. މަޓީ މީހުން އަދި ޖަވާބެއް ނުދޭ، ގެސްޓް ހައުސް އެސޯސިއޭޝަނުން މާދަމާއަށް އޯކޭ ދީފަ އޮތީ. އޭގެ އަނެއް ދުވަހަށް މަޓާޓޯއިން އެއްބަސް ވެއްޖެ އަންނާނެކަމަށް" ސަލީމް ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލަކީ އެމްޑީޕީން ހުށަހެޅީ ބިލެއްކަމަށާއި ނަމަވެސް މިކަމާއި ގުޅިގެން މަޝްވަރާކުރުމަށް ކޮމެޓީއަށް ހާޒިރުވުމާމެދު އެމްޑީޕީންވެސް ޖަވާބެއް ދީފައިނުވާކަމަށެވެ.
"މީގައި އެމްޑީޕީއަކުންވެސް އެއްވެސް ޖަވާބެއް ނުދިން، މި ބިލަކީ އެމްޑީޕީން ހުށަހެޅި ބިލެއް، އެމްޑީޕީގެ ބަހެއް އޮތުން އެއީ ވަރަށް މުހިއްމުކަމެއް" ސަލީމް ވިދާޅުވިއެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ސަލީމް ނުދެއްވައެވެ.
އިޒްރާއީލް ޕާސްޕޯޓު މަނާކުރުމުގެ މައްސަލައިގައި، އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ބަލައި ކަމާ ގުޅޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ބަސް ހޯދަން 241 ކޮމެޓީން ވަނީ ނިންމާފައެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ އަވަސްކުރަން އެމްޑީޕީން އެއްބާރުލުން ނުދޭ މައްސަލައާ ގުޅިގެން 241 ކޮމެޓީގައި ރައްޔިތުންގެ މަޖިލީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މައްސަލާގައި 241 ކޮމެޓީން މިއަދު ކަމާއި ގުޅުން ހުރި ހުރިހާ ފަރާތްތައް އެ ކޮމެޓީއަށް ހާޒިރުކުރަން އެދިފައިވާއިރު އެމްޑީޕީން ޖަވާބެއް ދީފައި ނުވާކަމަށެވެ.
ޝާހިދު ވިދާޅުވީ މި މައްސަލައާ ގުޅިގެން މަޝްވަރާކުރަން ކޮމެޓީން ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާކަމަށާއި އެންމެ ބޮޑަށް މި މައްސަލާގައި ވަކާލާތު ކުރާކަމަށް ދައުވާކުރާ އެމްޑީޕީން ޖަވާބެއް ނުދިނުމަކީ އެ ޕާޓީން ދައްކާ ވާހަކަތަކުގެ އިޚްލާސްތެރިކަމެއް ނެތްކަން ހާމަވާކަމެއްކަމަށެވެ.
"އެހެންވީމާ އިޚްލާސްތެރިކަމެއް ނެތް އެމްޑީޕީގައެއް، އިޚްލާސްތެރިކަމެއް ހުރިނަމަ ވަގުތުން އަންނަންވީ ނޫންތޯ އެންމެ ފުރަތަމަ ޕާޓީއެއްގެ ފަރާތުން އަންނަ ބަޔަކަށް އެމްޑީޕީން އައިސް މި ވާހަކަ ދައްކަންވީ ނޫންތޯ" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީއަށް ފިލައިގެން ނޫޅެވޭނެކަމަށާއި އިޒްރޭލް ޕާސްޕޯޓް މައްސަލަ އަވަސްކުރުމުގެ ގޮތުން އެމްޑީޕީ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެކަމަށެވެ.
އިޒްރާއިލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ނިންމާނެ ތާރީހެއްގެ ގޮތުގައި އެންމެ ފުރަތަމަ ދީފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހެވެ. އެހެންނަމަވެސް، އެ ބިލްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަމަށް 241 ކޮމެޓީން ވަނީ ބުނެފައެވެ.
އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން ނިންމީ އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެންނެވެ.