އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރާއްޖެ އައިސްފިނަމަ ހައްޔަރުކުރާނެކަމަށް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރެފައިވާ މި ދަނޑިވަޅުގައި އޭނާ ރާއްޖެ އައިސްފިނަމަ ހައްޔަރުކުރާނެތޯ މީސް މީޑިއާގައި ބައެއް މީހުން މިނިސްޓަރާ ސުވާލު ކުރުމުން ބައެއް މީޑިޔާތަކުން ވަނީ އެކަމުގައި މިނިސްޓަރުގެ ޖަވާބެއް ނެތްކަމަށް ބުނެފައެވެ.
އެ ވާހަކައަށް ރައްދު ދެއްވާ މިނިސްޓަރ އިހުސާން ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ޕޯސްޓެއް ކުރައްވާފައެވެ.
ވަކި މީހަކު އިސްތިސްނާނުކޮށް ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށާއި ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ވެސް ތަންފީޒުކުރާނެ ކަމަށް އެ ޕޯސްޓްގައި މިނިސްޓަރ ބުނެފައިވެއެވެ.
"ދިވެހި ރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ޤައުމެއް" އިހުސާންގެ ޕޯސްޓްގައި ބުނެފައިވެއެވެ.
ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރަން އައިސީސީ އިން އަމުރު ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.