"މާލެ ފަހި" ޕްރޮގްރާމު ހިންގުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަ ބަދަލުތައް ތަންފިޒުކުރަމުންދާނީ ތުނޑުން ތުނޑަށްކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، "ފަހި މާލެ" ޕްރޮގްރާމް އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން މަދުކޮށް، މާލޭގެ މަގުތަކަކީ ދަތުރުކުރާ ފަރާތްތަކާއި ފައިމަގުގައި އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން އޮންނަތަނަކަށް ހެދުމަށް މި ސަރުކާރުން ފަށާފައިވާ "ފަހި މާލެ" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެންމެ އިސްކަމެއް ދެއްވަވާ ވާޖިބަކީ ގާނޫނު ތަންފީޒުކުރުންކަމަށެވެ. ރައީސްގެ ލަފާފުޅުގެމަތިން ދަތުރުފަތުރާބެހޭ ވުޒާރާއައި ގުޅިގެން މާލޭގެ މަގުތަކުގެ ޓްރެފިކްގެ ތެރެއިން ދިމާވާ މައްސަލަތަކަށް ހައްލުގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން "މާލެ ފަހި" ޕްރޮގްރާމް ހިންގުމަށްޓަކައި، ގާނޫނާއި ގަވާއިދަށް ގެންނަމުންދާ ބަދަލަށް ތުނޑުން ތުނޑަށް އަޅުގަނޑުމެން ތަންފީޒުކުރާނެ ވާހަކަ ދަންނަވަން.ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ފުލުހުންގެ ހިދުމަތަށް ރައީސް ދެއްވި ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓަށް 10 ކްރައިމް ފޯކަސް ޕޮލިސންގް ކަނޑައަޅާފައިވާއިރު އޭގެތެރެއިން އެއް ކަމަކީ ޓްރެފިކް ވަޔަލޭޝަންސްގެ އިތުރުން ޓްރެފިކް އެންފޯސްމެންޓުކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ވަޒީރު ވަނީ، ދަތުރުފަތުރާ ބެހޭ ވުޒާރާގެ ރެޖިސްޓްރޭޝަނަށް ބޭނުންކުރަމުންދިޔަ ޕޯޓަލްގެ ބެކް އެންޑު ބޭނުންކޮށްގެން، އޮޅުވާލައިގެން ވެހިކަލް ރެޖިސްޓްރޭޝަން ހަދާ ފަރާތްތަކާއި މެދު ހަރުކަށި ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ވެހިކަލް ޕާކުކުރުމުގައި ދިމާވާ ގިންޖެހުންތަކުން އަރައިގަނެވޭނީ ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ވެގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ގަވާއިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
އެހެންކަމުން، މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަށް ހެދުމަށްޓަކައި ދަތުރުފަތުރާ ބެހޭ ވުޒާރާއިން އެހީ ބޭނުންވާ ކޮންމެ ކަމެއްގައި ދާހިލީ ސަލާމަތާބެހޭ ވުޒާރާއިން އެއްބާރުލުންދޭނެކަމަސް ވަޒީރު ވިދާޅުވިއެވެ.