މިއަދު ރިޔާސީ ގަނޑުވަރު މުލިއާގޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެ ޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މަޖިލިސް މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި އެ މަޖިލީހުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު، ޕާޓީގެ ޗެއާޕާސަން އަދި ރައީސްގެ ޚާއްޞަ މުޝީރު އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސަވަން ހުށަހަޅުއްވައި، އެ ހުށަހެޅުއްވުމަށް އިންތިޚާބީ ހުރިހާ މެންބަރުން ތާއީދުކުރައްވައިފިއެވެ. އެއާާއެކު 20 ވަނަ މަޖިލީހުގެ ރައީސްކަންކުރައްވާނެ ބޭފުޅަކީ އަބްދުއްރަހީމްކަން ކަށަވަރުވީއެވެ.
އެ ޚަބަރު ނޫސްތަކަށް އަރައި އަބްދުއްރަހީމަށް މަޤާމު ކަށަވަރުވެވަޑައިގަތުމާއެކު، ދަރިކަލުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލު ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެދެއްވީ މިއަދު އަބްދުއްރަހީމް ހުންނެވި މަޤާމަށް ވާސިލުވެވަޑައިގަތުމަށް ކުރެއްވި މިންނަތް ދިގު ދަތިތައް ގިނަ ދަތުރުފުޅުން ކުޑަ މިންވަރެކެވެ.
ފައިސަލުގެ ވާހަކަފުޅު ފެއްޓެވީ ޅައުމުރުފުޅުގައި ރަށް ދޫކުރައްވައި މާލެއަށް ތައުލީމު ހާސިލުކުރެއްވުމުގެ ބޭނުންފުޅުގައި އަދުރޭ ކުރެއްވި ދަތުރުފުޅުންނެވެ. މާލޭގެ ގެއެއްގައި ނޯކަރީކުރައްވއި، ގިނަ ތަކުލީފުތަކާއި ހިތްދަތިކަން ތަހައްމަލުކުރެއްވި ގޮތުގެ ވާހަކަފުޅެވެ. ޒުވާން އުމުރުފުޅުގައި ވަޒީފާއަށް ނުކުންނަވައި މަސައްކަތްކުރެއްވި ގޮތެވެ.
ޒުވާން އުމުރުފުޅުގައި ކައިވެނިކުރައްވައި އާއިލާއެއް ބިނާކުރެއްވި ގޮތެވެ. އެއަށްފަހު އުފަން ރަށް ފޮނަދޫއާއި ހަންދުންމައްޗަށް ޚިދުމަތްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އެ މަސައްކަތްޕުޅުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބާއި ގޮންޖެހުންތައް ގިރާކުރެއްވި ގޮތެވެ. އެގޮތުން ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރެއްވުމުން ނާކާމިޔާބުވެވަޑައިގަތުމުން ހިތްވަރު އެލުވައިނުލައްވައި މަސައްކަތްޕުޅުގައި ދެމިހުންނެވި ގޮތެވެ.
"[އަަޅުގަނޑުގެ ބައްޕައަކީ] ކުޑަމިނުން ރަށްކުރިއަރުވާ ކޮމެޓީ އަށް ކުރިމަތިލައި ނުހޮވުމުންވެސް ހިތްވަރު އެލުވާނުލާ، ފަހަތަށް ފިޔަވަޅެއް ނާޅާ، ނުހަނު ވަރުގަދަ ޢަޒުމާ ގަދަ ހިތްވަރާއި އެކު ކުރިއަށް ދިޔަ އިންސާނެއް،" ފައިސަލު ލިޔުއްވިއެވެ.
ދެން ފައިސަލު ހަނދާން އައުކުރެއްވީ އަދުރޭއަށާއި މުޅި އާއިލާއަށްވެސް ކުރިމަތިވި އެންމެ ހިތްދަތި ދުވަސްތަކެވެ. ޤައުމީ ޚިދުމަތުގައި ވެރިންނަށް ތެދުވެރިކަމާއެކު މަސައްކަތްކުރެއްވުމުގައި 24 ގަޑިއިރު އުޅުއްވަނިކޮށް، ވެރިޔަކު އެދިވަޑައިގެންނެވި ކަމަކަށް އެންމެ ފަހަރު ނޫނެކޭ ވިދާޅުވީތީ، ސިޔާސީ ރޭވުމެއްގެ ތެރެއިން ވަގު ތުހުމަތު އިސްތަށިފުޅުގައި އަޅުވައި އަރުވާލި ހިތްދަަތި ހަނދާންތަކެވެ. ނަމަވެސް ބޭފުޅުންނާއި އަނބިކަނބަލުން އެންމެ ބިކަވެގެންދިޔަ އެ ހިތްދަތި ވަގުތުކޮޅުންވެސް އަބްދުއްރަހީމް ހާސިލުކުރެއްވީ އިބްރަތްކަމާއި އައުކުރެއްވީ ހިތްވަރުކަން ފައިސަލު ފާހަގަކުރެއްވިއެވެ.
އައު ޤާނޫނުއަސާސީއާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ގިނަ ސިޔާސީ ޕާޓީ ހަރަކާތްތެރިވާ ނިޒާމަކަށް ފުރޮޅުމާއެކު، ސިޔާސީ ޕާޓީތަކުގެ ތެރެއަށް ނުކުމެވަޑައިގެން 2009 ވަނަ އަހަރު އިންތިޚާބުކުރި 17 ވަނަ މަޖިލީހުން އަބްދުއްރަހީމް ޖާގަ ހޯއްދެވީ ސިޔާސީ ހިސާބުޖެެއްވުން ރަނގަޅަށް ދެނެވަޑައިގަންނަވާތީކަމަށް ފައިސަލު ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، އެއަށްފަހު ސިޔާސީ ވާދަވެރިންނާއި، އެކީގައި މަސައްކަތްކުރި މީހުންގެ ތެރެއިން ހިތްނުބައި ހަސަދަވެރިންގެ ފަރާތުން ކުރިމަތިވި މަލާމާތާއި ފުރައްސާރައިގެ ސަބަބުން އަބްދުއްރަހީމަށާއި އޭނާގެ އާއިލާއަށްވެސް ހިތްދަތި އަސަރުތަކެއް ކުރިކަމަށެވެ.
"ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބައިގެ މީހުންނާއި، އެއް އޮޅީގައި އުޅޭ ހިތް ނުބައި މީހުންޖެހި ހަޖުލާއި، ކުރި އަދި ކުރާމަލާމާތާއި ފުރައްސާރައަކީ އިންސާނެއްގެ ހައިސިއްޔަތުން ބައްޕައަށްވެސް އަސަރުކުރާނޭކަން ކަން ޔަޤީން. އަދި ޢާއިލާއެއްގެ ހައިސިއްޔަތުން އަހުރެންވެސް ހިމެނޭހެން ހުރިހާބެއިން ހިތްދަތިވި ކިތަންމެ ކިތަންމެ ފުރައްސާރައެއް ރާއްޖޭގެ ސިޔާސީ އުޑުގެ ދަށުގައި ވެޔަތުވެ ހިގައްޖެ.،" ފައިސަލު ލިޔުއްވިއެވެ.
ޑީއާރުޕީއާއި ޕީއޭ އަދި ޕީޕީއެމްގައި އަބްދުއްރަހީމް އެކި ލީޑަރުންނާއެކު ކުރެއްވި މަސައްކަތްޕުޅުތަކަށްފަހު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވަނިކޮށް، އިންތިޚާބު ބޮއިކޮޓުކުރުމަށް ޕީޕީއެމް/ޕީއެންސީގެ ތެރެއިން ކުރެވުނު މަސައްކަތްތަައް ނާކާމިޔާބުކުރައްވައި، ރައީސް ޑރ.މުޢިއްޒާއެކު އިންތިޚާބަށް ނުކުމެވަޑައިގަތީ އަބްދުއްރަހީމްކަން ފައިސަލު ފާހަގަކުރެއްވީ އެކަމާމެދު ފަޚުރުވެރިވާކަން ހާމަކުރައްވަމުންނެވެ.
"ޕީއެންސީގެ ރައީސް އަކަށް ހުރެ، 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު، އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކާމިޔާބު ކުރުމަށް މިއަދުގެ ރައީސް ޑރ މުޢިއްޒު ރިޔާސީ ރޭހަށް ނެރުއްވާ، އިންތިޚާބު ބޮއިކެޓު ކުރުމަށް ރޭވި ކެހިވެރި ރޭވުމުން ޕާޓީއާއި މި ޤައުމު ސަލާމަތް ކުރުމުގެ ހިތްވަރުގަދަ ފިޔަވަޅު އެޅީ ބައްޕަ. އެއީ މަދުން ނޫނީ އިންސާނަކަށް ނުނެރެވޭނޭ ފަދަ ހިތްވަރުގަދަ ޢަމަލެއް. މިއަދު މި ޤައުމު ދެކެމުން މިދަނީ މާ އުފާވެރި މަންޒަރެއް،"
މިއަދު ރާއްޖެއަށް އައިސްފައިވާ އަމާންކަމައި ލިބެން ފަށާފައިވާ ކުރިއެރުމަކީ،"ވަޢުދަށް ކަމޭ ހިތާ ރައީސަކު ޤައުމުގެ ދިދަ ފެއްސާރަތާ ހުދާ އެކީ ފަޚުރުވެރި ކަމާ އެކު ވިހުރުވަމުން ދާތީ"ކަމަށް ފައިސަލު ވިދާޅުވިއެވެ.
އަންނަ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަންނަވާނީ އަބްދުއްރަހީމުކަން ފާހަގަކުރައްވައި ފައިސަލު ވިދާޅުވީ، އެއީ ރާއްޖޭގެ ތާރީޚުން އޭނާގެ ބައްޕާފުޅު ހޯއްދެވި ވަރުގަދަ ޖާގައެއް ކަމަށެވެ. އަދި އެކަމުގައި ހެޔޮއެދޭ އެކުވެރިންނާއި، އާއިލާއާއި، ލ.އަތޮޅު އަދި ޚާއްޞަކޮށް ފޮނަދޫ ޝަރަފާއި ފަޚުރު އެކުލެވޭކަން ފައިސަލު ފާހަގަކުރެއްވިއެވެ.
ފައިސަލު އިތުރަށް ވިދާޅުވީ މިހާތަނަށް އެންމެ ބޮޑު އަޣުލަބިއްޔަތަކުން މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަންނަވާނެ ބޭފުޅަކީ އަބްދުއްރަހީމް ކަމެވެ. އަދި އޭނާއަކީ ސިޔާސީ ހިސާބު ޖެއްސެވުމުގައި މިހާތަނަށް މި ޤައުމުން ފެނިފައިނުވާ ފަދަ މުހައްނިކެއް ކަމަށެވެ.
" މިފަދަ އުފާވެރި ހިނދުކޮޅެއްގައި ބައްޕަގެ ކާމިޔާބީ ލޮލުން ދެކި އަތުން ހިފަން ލިބުމަކީ ދޮށީ ފިރިހެން ދަރިއަކަށް ލިބޭނޭ ކޮންފަދަ ބޮޑު ފަޚުރުވެރިކަމެއް ކަން ބަޔާން ކޮށްދޭނެ ގޮތެއް އަހުރެންނަކަށް ނޭނގޭ. ބައްޕާ! އައްސަރިބަހާއި ސާބަސް. ތިޔަ ކުރެއްވި ހިތްވަރާއި ތިޔަވީ ޤުރުބާނީއަށް އަދި ތިޔަ ހޯއްދެވި ކާމިޔާބީ އަށް ފަށްފަށުން ސެލިއުޓް ކުރަން،" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒަށާއި ލ.ފޮނަދޫ ރައްޔިތުންނަށް ޝުކުރު ބަރުތީލަކުރައްވަމުން ނިންމަވައިލެއްވި ޕޯސްޓުގައި ފައިސަލު ލިޔުއްވިއެވެ.