ފަތުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ގެންދިއުމަށްޓަކާއި ޓެކްސްއާއި ބިމު ކުލީގެ އަގުތަކުން އެ ސަރަހައްދުތަކަށް ލުއި ދިނުމަށް ޤާނޫނާއި ގަވާއިދުތަކަށް އިސްލާހުތަކެއް ގެނައުމަށް ހުށައެޅުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ ރާއްޖޭގެ ދުރު ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ ފައިދާއާއި ނުބައްދަލު އިންވެސްޓްމަންޓްތަކެއް އެ ސަރަހައްދުތަކަށް ކުރަންޖެހުންކަމަށެވެ.
އަދި ފަތުރުވެރިކަމާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް މިހާރު ހެދިފައިވާގޮތުން، އެންމެ ޑިމާންޑް ބޮޑު ސަރަޙައްދުތަކުންވެސް އަދި އެންމެ ޑިމާންޑް ކުޑަ، އަދި ފަތުރުވެރިކަމުގެ ވިޔަފާރި ދަށް ހިސާބުތަކުންވެސް، ކުރާ އިންވެސްޓްމަންޓްތަކާއި އަދި ޓެކުސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައްވެސް އޮތީ އެއްހަމައެއްގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވިގޮތުގައި މީގެސަބަބުން ޑިމާންޑް ކުޑަ ސަރަޙައްދުތަކުގައި ފަތުރުވެރިކަމުގެ ފެސިލިޓީތައް ހެދުމަށް އިންވެސްޓަރުން ފަސްޖެހޭނެއެވެ. އެއީ އެ ސަރަހައްދުތަކަށް ފަތުރުވެރިން ގެންދިއުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއެކު، ވިޔަފާރީގައި ފައިދާއަކާ ހަމައަށް ދެވޭ މުއްދަތު އިތުރުވާތީކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވީ ރިސޯޓެއް ތަރައްޤީކުރުމަށް 45 މިލިއަނެއްގާ ޑޮލަރު ހޭދަކުރާއިރު، ޑިމާންޑް އޮންނަ ސަރަޙައްދުތަކުގައިވެސް އިންވެސްޓްމަންޓްގެ އަގު ހޯދުމަށް 7-8 އަހަރު ނަގާކަމަށާއި ޑިމާންޑް ކުޑަ ސަރަޙައްދުތަކުގައި އެ މުއްދަތު ވަރަށް ބޮޑުތަން އިތުރުކަމަށެވެ.
އެހެންކަމުން މިގޮތަށް ހުރި ހިސާބުތަކަށް ފަތުރުވެރިކަން ގެންދިއުމަށް މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކެނީ، މުޅި ރާއްޖެއަށް ރަނގަޅު ކަނެކްޓިވިޓީއެއް ގާއިމުކުރުމުގެ އިތުރުން، އެފަދަ ސަރަހައްދުތަކުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުން ނަގާ ކުއްޔާއި އަދި ޓެކްސްގެ ގޮތުގައި ދަޢުލަތަށް ދައްކަންޖެހޭ ޚަރަދަށް ލުޔެއް ހޯދައިދިނުންކަމަށާއި މި މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން އެވުޒާރާއިން މިހާރު ކުރައްވަމުންދާކަމަށް ފައިސަލް ވިދާޅުވިއެވެ.
"ފަތުރުވެރިކަން ނެތް ހިސާބުތަކަށްވެސް އިންވެސްޓްމަންޓްތައް ގެންދިއުމަށް، އެ ހިސާބުގެ ފެސިލިޓީތަކުން ނަގާ ޓެކުހާއި ދައްކާ ރެންޓްތަކަށް ލުއިދިނުމަށް އުސޫލުތައް މިދަނީ ހަދަމުން. އޭގެ ޕޭޕަރުތައް ނިންމާ ވަރަށް އަވަހަށް ކެބިނެޓަށް ހުށައަޅާނަން." ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވީ ޑިމާންޑް ކުޑަ ހިސާބުތަކަށް ފަތުވެރިކަން ގެންދިއުމުގެ ވާހަކަ ކުރީގެ ސަރުކާރުތަކުން ދެއްކިނަމަވެސް މިހާތަނަށްވެސް އެއްވެސް ސަރުކާރަކުން އެކަމަށް ފިޔަވަޅު އަޅާފައި ނެތްކަމަށާއި ޚާއްސަކޮށް ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ ސަރަޙައްދާ އަދި ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި މިހާތަނަށްވެސް ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުތަކުން މާބޮޑު މަސައްކަތެއްކޮށްފައި ނެތްކަމަށެވެ.