ސަރުކާރުގެ ފުރަތަމަކޮޅު ސަރުކާރަށް ގެއްލުންވާނެ އެއްވެސް ކަމެއް ބައްޕާފުޅު ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ނުކުރައްވާނެ ކަމުގައި ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި، އެމަނިކުފާނުގެ ދަރިކަލުން އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. އޭނާވަކި ކުރި އެއްވެސް ސަބަބެއް ހާމަކޮށްފައި ނުވާއިރު، މިއީ ސަރުކާރުގެ ކެބިނެޓުން ވަޒީރަކު ވަކިކުރި ފުރަތަމަ ފަހަރެވެ.
ފައިސަލް މަގާމުން ވަކިކޮށްފައިވަނީ އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެ ބޭފުޅުންގެ ގުޅުން ގޯސްވުމުގެ ސަބަބުން ކަމަށް ވާހަކަދެކެވިފައިވެއެވެ. އަދި އަބްދުއްރަހީމް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުވެސް ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ.
އެ ވާހަކަ ތަކާ ގުޅިގެން ރާއްޖޭގެ މީޑިއާއަކާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ވަރަށް ބުރަ މަސައްކަތުން، ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެގެން ގެނައި ސަރުކާާރެއް ކަމަށާއި ސަރުކާރުގެ ފުރަތަމަކޮޅު ސަރުކާރަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
ސަރުކާރުގެ ފުރަތަމަކޮޅު ސަރުކާރަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެ. ބައްޕައަށް ސީދާ ޖަވާބެއް ދެވޭނީ، އެކަމަކު އަޅުގަނޑާ ދެކެވުނު ވާހަކަ މިއީ.އިބްރާހީމް ފައިސަލް
ސިޔާސީ މީހުންނަށް ސިޔާސީ ކަންކަން ކުރިމަތިވާނެ ކަމަށާއި ރަނގަޅު ގޮތަކީ އެކަމާ ކުރިމަތިލާ ކެތްތެރިވުން ކަމަށް އަބްދުއްރަހީމް ނަސޭހަތް ދެއްވި ކަމަށް ފައިސަލްއާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ފައިސަލް ވިދާޅުވީ، މަގާމުން ވަކިކުރި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު މުއާމަލާތެއް ހިނގާފައިނުވާ ކަމަށެވެ. ސިޔާސީ ކަންކަމުގައި ދެމިހުންނަވަން ނިންމި ނަމަވެސް، ސިޔާސީ ގޮތުން ދެން ފެނިގެންދާނެ ގޮތަކާމެދު އަދި ނިންމެވުމެއް ނުނިންމާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.