ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވައިފިއެވެ.
ފައިސަލް މަގާމުން ވަކިކުރިކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއްވި ނަމަވެސް ފައިސަލް ވަކިކުރި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް މުއިއްޒު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައި ކަމަށެވެ.
ރައީސް މުއިއްޒު މީގެ ކުރިން ކެބިނެޓަށް ބައެއް ބަދަލުތައް ގެންނެވި ނަމަވެސް މީގެ ކުރިން އެއްވެސް ވަޒީރަކު ވަޒީރުކަމުން ވަކިކުރައްވާފައެއް ނުވެއެވެ. ފައިސަލް އަކީ ރައީސް މުއިއްޒުގެ ކެބިނެޓުން ވަކިކުރެއްވި ފުރަތަމަ ވަޒީރެވެ.
ފައިސަލް މިއަދު ވަޒީރު ކަމުން ވަކިކުރެއްވިއިރު އޭނާ ރާއްޖެއިން ބޭރަށް ދަތުރުކުރުން ރައީސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަނާކޮށްފައި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.
ފައިސަލް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނެވެ.