ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބައިނަލްއަޤުވާމީ މަހުގެ ބާޒާރުތަކަށް ވަނުމަށް ހުރި ހުރަސްތައް ނައްތައިލަންޖެހޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
"އިންފޮފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަން"ގެ ހަވާސާގައި ކަޅުބިލަމަހާއި ކަންނެލީގެ ދެމެހެއްޓެނެވި މަސްވެރިކަމާ ބެހޭ ގޮތުން ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކުގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ މަސްވެރިކަމުގެ ބޮޑެތި ބާޒާރުތަކަށް ވަނުމުގައި ރާއްޖެއާއި ތަރައްޤީވަމުން އަންނަ ޤަައުމުތަކުން، މަސްވެރިކަންކުރާ ގިނަ އުޅަނދުފަހަރު ހުރި ޤައުމުތަކާ ވާދަކުރަން މަޖުބޫރުވެފައިވާއިރު، އެކަމުގައި ކުދި ޤައުމުތައް ވަރަށް ބޮޑަށް ފެއިލްވަމުންދާ ކަމަށެވެ.
އެހެންކަމުން ހަމަހަމަ ފުރުސަތުތައް ހޯދުމަށް ކުދި ޤައުމުތައް ގުޅިގެން އެކުއެކީގައި މަސައްކަތްކުރަންޖެހޭކަމަށާއި، އެފަދައިން މަަސައްކަތްކުރެވިއްޖެނަމަަ ކަޅުބިލަމަހާއި ކަންނެލީގެ ބައިނަލްއަޤުވާމީ ވިޔަފާރީގައި އެންމެނަށް އަދުލުވެރި ފުރުސަތުތައް ލިބިގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރުވަނީ ޤާނޫނާ ޚިލާފަށް އެއްވެސް ކަހަލަ ރެގިއުލޭޝަނެއް ނެތި، ރިޕޯޓުކުރުމެއް ނެތި ބޭރުގެ މަސްބޯޓުފަހުން ކުދި ޤައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކުން މަސްބާނަމުން ދިއުމުގެ ނުރައްކާތެރިކަން ފާހަގަކުރައްވައިފައެވެ.
"މިނުބައި އަމަލުގެ ސަބަބުން ގިނަ އަދަދެއްގެ މަސްވެރިންނައި އައްސޭރިތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދިރިއުޅުންތަކަަށް އަންނަނީ ނޭދެވޭ އަސަރުކުރަމުން. އަދި ރާއްޖެފަދަ ކަނޑަށް އައްސޭރިވާ ޤައުމުތަކުގެ ތެރެއިން ދެމެހެއްޓެނެވި މަސްވެރިކަން ކުރުމަށް އެތައް ޤުރުބާނީއެއް ވެފައިވާ ޤައުމުތަކާއި މަސްވެރި މުޖުތަމައުތަކަށް އެކަމުގެ ސަބަބުން އެތައް ގެއްލުމެއްދަނީ ލިބެމުން،" ޝިޔާމު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަަކަފުޅުގައި ދިވެހި ސަރުކާރުން ކަނޑުގެ ސަރަހައްދު ބަލަހއްޓައި މަސްވެރިކަމުގެ ދެމެހެއްޓެނެވިކަން ކަށަވަރުކޮށް ޤާނޫނާ ޚިލާފަށް ކުރާ ވަގު މަސްވެރިކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ކަޅުބިލަމަަހާއި ކަންނެލީގެ ދެމެހެއްޓެނެވި މަސްވެރިކަމާ ގުޅޭ މަޝްވަރާގައި ފުޅާ ދާއިރާއެއްގައި އެވިޔަފާރީގައި ޝާމިލުވާ ގިނަ ޤައުމުތަކާއި އެ ސިނާއަތާ ގުޅުންހުރި ބައިނަލްއަޤުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ މުމައްސިލުން ބައިވެރިވެވަޑައިގެންފައިވެއެވެ.