Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ފަލަސްތީނަށް އދގެ މެންބަރުކަން ދިނުމާމެދު އާންމު މަޖިލީހުން ނިންމި ނިންމުމަކީ ތާރީހީ ކާމިޔާބެއް: ރައީސް

އދގެ މެންބަރު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށް އދގެ އާންމު މަޖިލީހުން ނިންމުމަކީ އިންސާފު ހޯދުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ލިބުނު ކާމިޔާބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްޠީނަށް އދ.ގެ މެންބަރުކަން ދިނުމަށް އިއްޔެ އދގެ އާންމު މަޖިލީހުން ފާސްކުރުމަށް ނެގި ވޯޓުގައި ރާއްޖެ ހިމެނޭހެން 143 ޤައުމަކުން އެ ހުށަހެޅުމަށް ތާއީދުކޮށްފައިވެއެވެ. އިސްރާއީލު ހިމެނޭހެން 9 ޤައުމަކުން އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައިވާއިރު، 25 ޤައުމަކުން އެ ވޯޓުގައި ބައިވެރިނުވެއެވެ.

އެ ވޯޓާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އދގެ އާންމު މަޖިލީހުގައި ނެގި ވޯޓުން ނިންމާފައިވާ ނިންމުމަކީ ފަލަސްޠީނު ރައްޔިތުން އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ތާރީޚީ ކާމިޔާބެއް ކަމަށެވެ.

އަދި އެކުވެރި ދައުލަތްތަކަށް އައު މެންބަރުން ވެއްދުމާ ގުޅޭ ގޮތުން ހުށަހެޅި ޤަރާރު ބަލައިގަތުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ނިންމީތީ އެކަމަށް ރައީސްވަނީ މަރުހަބާ ވިދާޅުވެފައެވެ. މި ޤަރާރަކީ ފަލަސްޠީނަށް އދގެ މެންބަރުކަން ދިނުމަށް ފެންނަކަމަށާއި، އެކަމަށް އަލުން ރިއާޔަތްކުރުމަށް އދގެ ސަލާމަތީ މަޖިލީހަށް ލަފާ ދިނުމަށް ފާސްކުރި ޤަރާރެެކެވެ.

އދގެ މެންބަރުކަން ދިނުމާމެދު ފަހު ގޮތެއް ނިންމަނީ އދގެ ސަލާމަތީ މަޖިލީހުންނެވެ. އދގެ ސަލާމަތީ މަޖިލީހަށް ފަލަސްޠީނަށް މެންބަރުކަން ދިނުމަށް ފާއިތުވި މަހު ހުށަހެޅި ޤަރާރެއް އެމެރިކާއިން ވީޓޯކޮށްފައިވެއެވެ. އެކަމާ ގުޅިގެން އދގެ އާންމު މަޖިލީހުގައި ރާއްޖެއިންވަނީ ވީޓޯކުރުމުގެ ބާރު އޮތުމުގެ ބޭއިންސާފުކަން ފާހަގަކޮށް އެނިޒާމު އުވައިލުމަށް ގޮވައިލާފައެވެ.

މި މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ކުރިމަގު އަމިއްލައަށް ނިންމުމަށް ލިބިފައިވާ ހައްގު ލިބިގަތުމަށް ދެމިގެންގޮސްފައިވާ މަސައްކަތެއް ކުރާތާ އެތައް ޒަމާނެއް ވެފައިވާ ކަމަށެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ ވިލުންތެރިކަމާއި ހިއްވަރުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން އުންމީދު ލިބިގަންނަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އެކުލަވައިލެވޭ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ، މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް އެކުލަވައިލުމުގެ އުންމީދުތައް ހާސިލުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިއެެއްގެ ގޮތުގައި ރާއްޖެއިން ދެމިއޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހި ސަރުކާރުން އަންނަނީ ބައިނަލްއަޤުވާމީ މަސްރަހުގައި ފަލަސްޠީނުގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތުކުރަމުންނެވެ. އދއާއި އޯއައިސީ ފަދަ ބައިނަލްއަޤުވާމީ މަންސަތަކުގައި ސަރުކާރުން އަންނަނީ ފަލަސްޠީނު ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ އަނިޔާތައް ފާހަގަކޮށް އެކަންކަން ހުއްޓުވުމަށް ވަކާލާތުކުރަމުންނެވެ.

އަދި މެދުއިރުމަތީގައި ސުލްހަ ޤާއިމުކުރެވޭނެ ހަމައެކަނި ގޮތަކީ މިނިވަން ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރެވުންކަން ފާހަގަކޮށް 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކަށް ރުޖޫއަވެ، އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތައް އަނބުރާ ފަލަސްތީނަށް އިއާދަކުރުމަށް ދިވެހި ސަރުކާރުން އަންނަނީ ގޮވައިލަމުންނެވެ.

އަދި އިސްލާމީ އެހެނިހެން ޤައުމުތަކާއެކު ފަލަސްތީނުގެ ހާލަތާ ގުޅޭ ގޮތުންނާއި، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ރާއްޖެއިން އަންނަނީ މަޝްވަރާކުރަމުންނެވެ.

މި ލިއުމާއި ގުޅޭ