އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އެލަވަންސް ލިބޭ އިސްލާހު މަޖިލިސް ހުޅުވޭ ހަފްތާގައި ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ގދ. ވާދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އަންނަ ރޯދަމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ އެލަވަންސް ދެއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ މަހުގައެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އެލަވަންސް ލިބޭ ގޮތް ހެދުމަށް ވަޒީފާއާ ބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ދެ އިސްލާހު ގެނައުމަށް މަޖިލިސް ހުޅުވޭ ހަފްތާގައި ހުށަހަޅުއްވާނެ ކަމަށެވެ.
އަޅުގަނޑު މިދިޔަ އަހަރު ތެރޭގައި ބައްދަލުކުރިއިރު ހުރިހާ އަންހެނުންގެ ކޮމިޓީތަކުން ވެސް އެދުނު ރޯދަ އެލަވަންސް ލިބޭނެގޮތް ހަދައިދިނުމަށް. އެހެންވެ އަޅުގަނޑު މި އިސްލާހު ހުށަހަޅަން ނިންމީ. އިސްލާހާއެކު މިހާރު ލިބޭ އެލަވަންސްއަށް މުސާރައިގެ ސްޓޭޓަސް ދެނީ، އެލަވަންސް ބޮޑު ކުރަނީއެއް ނޫން. އެލަވަންސްގެ ގޮތުގައި އޮވެގެނެއް ރޯދަމަހުގެ އިނާޔަތެއް ނުދޭ މިހާތަނަށް އައިރު. ބޭންކަކުން ލޯނެއް ނުނެގޭ، ވިހެއުމުގެ ޗުއްޓީއެއް ނުލިބޭ. މިކަހަލަ އެއްވެސް ކަމެއް ނުވޭ. އަންނަ ރޯދަ މަހުން ފެށިގެން ކޮންމެ ރޯދަމަހެއްގައި އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އެލަވަންސް ލިބޭނެރައީސުލްޖުމްހޫރިއްޔާ
ރައީސް ވިދާޅުވީ އަންހެނުންނާއި ފިރިހެނުންނަކީ ހަމަ ހަމަ، އެއް ހައިސިއްޔަތެއް ލިބިގެން ރަށާއި ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަކީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ.
މީގެއިތުރުން ޓޮޕް މެނޭޖްމަންޓްގައި އަންހެނުންނަށް ޖާގަ ދިނުމަކީ ސަރުކާރުގެ ސިޔާސަތުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކި އިސް މަޤާމުތަކުގައި މިހާރު އަންހެނުން މަސައްކަތް ކުރާ މިންވަރު އިތުރު ކަމަށެވެ.