އަވަށްޓެރި ސްރީލަންކާގެ އާ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ އާ ބޮޑުވަޒީރު ޑރ. ހަރިނީ އަކީ އެގައުމުގެ 16 ވަނަ ބޮޑު ވަޒީރެވެ. އެކަމަނާއަކީ ޤާނޫނު ހަދާ މަޖިލީހުގައި ދިސާނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދު ތަމްސީލު ކުރައްވާ މެންބަރެކެވެ. އެކަމަނާ, ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެ ވަޑައިގަންނަވާފައި ވަނީ 2020ވަނަ އަހަރުއެވެ.
މީގެ އިތުރުން އެކަމަނާ އަކީ ޔުނިވަރސިޓީ އޮފް އެޑިންބްރާއިން ސޯޝަލް އެންތުރޮޕޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ޑރ. ހަރިނީ ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ތިންވަނަ އަންހެން ބޭފުޅާ ކަން ފާހަގަކޮށްލެވެއެވެ. އެކަމަނާ ބޮޑުވަޒީރުކަމުގެ އިތުރުން ތަޢުލީމު، މީޑިއާ، އަންހެނުންނާ އަދި ކުޑަކުދިންނާބެހޭ ކަންކަމުގެ ވުޒާރާތައް ވެސް ބަލަހައްޓަވާނެއެވެ.
އައު ރައީސް ޑިސަނާޔަކެގެ ޕާޓީއަށް މިހާރުގެ ޕާލިމެންޓުގައި އޮތީ 225 ގޮނޑިން 3 ގޮނޑިއެވެ. އެހެންކަމުން، އަވަސް މުއްދަތެއްގެ ތެރޭގައި ޕާލިމެންޓް އުވާލައި، އާންމު އިންތިޚާބަކަށް ގޮވާލައްވާނެ ކަމަށް ތަޙުލީލުކުރާ ފަރާތްތަކުން ލަފާކުރެއެވެ.
މިއީ 2022 ގައި ސްރީލަންކާގެ އިޤްތިޞާދު އަނަދަވަޅަކަށް ވެއްޓި، ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، އަސާސީ ބޭނުންތަކުގެ ތަކެތި އިމްޕޯޓުކުރުމަށް ފައިސާ ނުދެއްކިގެން ދިމާވި ބޮޑު ހީނަރުކަމަށްފަހު ބޭއްވުނު ފުރަތަމަ އިންތިޚާބެވެ. އޭރު ކުރިމަތިވި މުޒާހަރާތަކާ ގުޅިގެން ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވަނީ ގައުމު ދޫކޮށް ފިއްލަވާފައެވެ.