Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ނަވާރަ ވަނަ މަޖިލީހުން ދެން ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން: އާޒިމް

ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގައި ތިއްބަވާ މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށާއި އެ މަޖިލީހުން ދެން ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުމަކީ އެންމެ ބުއްދިވެރި ގޮތް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ޖަލްސާއަކީ 20 ވަނަ ރައޔްިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް މި މަހުގެ 21 ވަނަ ދުވަހު ބެއްވި އިންތިހާބަށްފަހު ބޭއްވި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތަކީ ރައްޔިތުންގެ ފަރާތުން މަޖިލީހުގެ ތަޅުމުގައި ވަކާލާތުކޮށް ގާނޫނުތަކެއް ހަދާ އަދި އެ މެންރުންގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކުރާ ނިންމުންތަކެއް ނިންމުން ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް މި އަންނަ މަހުގެ 13 އާ ހަމައަށް ދެމި އޮންނާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުްނގެ ތެރެއިން 90 އިންސައްތަ މެންބަރުންނަށް އިތުބާރު ނެތްކަމަށް އާދީއްތަ ދުވަހު ނެގި ވޯޓުން ރައްޔިތުން ނިންމާފައިވާކަމަށެވެ.

"ރައްޔިތުން އިހައް ދުވަހަކު ބުނެފި މި މަޖިލީހުގެ 90 އިންސައްތަ މީހުން ނުވަތަ މެންބަރުންނަކަށް އިތުބާރެއް ނެތޭ، 10 ޕަސެންޓުވެސް ނެތް މިހާރަކު މިތާ ތެރޭގައި،" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މެދުކެނޑުމެއް ނެތި ރައްޔިތުންގެ މަޖިލިސް ދެމި އޮންނަން ޖެހޭކަމަށް ގާނޫނު އަސާސީ ބުނެފައިވާތީ މުހިއްމު ކަމެއް ދިމާވެދާނެކަމަށްޓަކައި އެ މަޖިލިސް ދެމި އޮތްކަމުގައި ވިޔަސް އެ މަޖިލީހުން ކަންކަން ނިންމުން މަޑުޖައްސައިލަން ޖެހޭކަމަށެވެ.

"އެހެންވީމާ އެ އޮތް އޮތުން ބާއްވާފައި އަޅުގަނޑުމެން ކަންކަން ނިންމުން ފަހަތަށް ޖައްސައިލަން ޖެހޭ، މި މަޖިލީހުން ދެން ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް އަޅުގަނޑު ނުދެކެން" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ބުނި ބަސް އަޑުއަހައިގެން މަޑުކޮށްލަން ޖެހޭކަމަށާއި 13 ވަނަ ދުވަހާ ހިސާބަށް ކަންކަން ނިންމުން މަޑުޖައްސައިލުމަކީ އޭނާގެ އެދުމެއްކަމަށެވެ.

މި ލިއުމާއި ގުޅޭ