ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ތިއްބެވީ ހަރާމް ގޮތުގައި ފައިސާ ނަންގަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ އާޒިމް މިމޭރުމުން ވިދާޅުވީ, މިއަދު މަޖިލީހުގައި ކުރިއަށްދާ ސަރުކާރުން މިއަހަރަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުންނެވެ. އާޒިމް ވިދާޅުވި ގޮތުގައި އެ ބަޖެޓު ހުށަހެޅުއްވީވެސް އެމްޑީޕީގެ މެމްބަރުންނަށް ލިބިފައިވާ ޕްރޮޖެކްޓުތަކުގެ ފައިސާ ދޫކުރުމަށެވެ.
އަދި ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން މިހާރު ސަރުކާރުން އުޅެނީ ޤާނޫނު އަސާސީއާއި ހިލާފަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
"މިތާތިބި ކޮންމެ [އެމްޑީޕީ] މެމްބަރަކީ ފައިސާ ބޭނުންވެގެން އައިސް ސަރުކާރަށް ސަނާ ކިޔާ މީހުން. ކޮންމެ މެމްބަރަކު ހުންނާނީ ސަރުކާރުން ޕްރޮޖެކްޓު ނަގާފަ" އާޒިމް ވިދާޅުވިއެވެ.
ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ހުށަހެޅި އިރު, މިހާތަނަށްވެސް ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ވަނީ ޤާނުނާ ހިލާފަށް ހޭދަކޮށްފައެވެ. މީގެ ކުރިންވެސް މި ސަރުކާރުން ވަނީ ފާސް ކުރުމެއް ނެތި ފައިސާ ހޭދަކުރުމަށްފަހު އަހަރު ނިމެން ކައިރިވުމުން މަޖިލީހަށް ހުށަހަޅައިގެން މިގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފައެވެ.