Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ވަކި ސިޔާސީ ފިކުރަކަށް ބަލާފައި ތަފާތެއް ނުކުރާނަން: ރައީސް

ސިޔާސީ ފިކުރު ތަފާތުވިޔަސް އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށާއި ކޮންމެ ރައްޔިތަކީވެސް އެމަނިކުފާނަށް މުހިއްމު މީހެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޮންގްރެސް ކޯލިޝަނުން ހޯއްދެވި ފުރިހަމަ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވުނު ރެލީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންވެސް ހަމަހަމަ ކަމަށާއި އެމީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ތަފާތުނުކުރައްވާނެ ކަމަށެވެ.

އަޅުގަނޑުގެ ކުރިމަތީގައި, ކުރިންދުވަހުވެސް ދެންނެވި ފަދައިން ކޮންމެ ރައްޔިތަކުވެސް ހަމަހަމަ. ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އެރައްޔިތަކީ މުހިއްމު ރައްޔިތެއް. އެއިން ކޮންމެ ބޭފުޅަކުދެކެ އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ގަދަރު. އެހެންވީމާ އެއްވެސް ބޭފުޅަކު ތަފާތެއް ނުކުރާނަން. އެބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ސިޔާސީ ވިސްނުން ހުރިގޮތަކުން.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ހުރިހާ ކެނޑިޑޭޓުންނަށާއި ޕީއެންސީން އެންޑޯސްކުރި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ދެންނެވިއެވެ.

ރައްޔިތުން ބޭނުންވާ ގޮތް އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ދައްކައިދީފިކަމަށާއި ރައްޔިތުން ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސްގެ ވާހަކަފުޅުގައި ދެއްވިއެވެ. އަދި ވޭތުވެގެންދިޔަ 5 މަސްދުވަހަށްވުރެ ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ކެބިނެޓުގެ ބޭފުޅުންވެސް ހަމަ އެހާ ބުރަކޮށް މަަސައްކަތްކުރައްވަންޖެހޭނެކަމަށް ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވުނު މަރުހަބާކިޔުމުގެ ރެލީގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނާއިބުރައީސް ހުސައިން މުޙައްމަދު ލަތީފުގެ ދެކަނބަލުންގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ކޮންގްރެސް ކޯލިޝަނުގެ އިސްފަރާތްތައް ބައިވެރިވެލެއްވިއެވެ. ހަވާ އެރުވުމާއެކު ބޭއްވުނު މި އުފާފާލުކުރުމުގައި ޕީއެންސީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެ މުޅި ސަރަހައްދު އޮތީ ފުރާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން 66 ކެނޑިޑޭޓަކު ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އަދި މީގެ އިތުރުން ޕީއެންސީން އެންޑޯސްކޮށްފައިވާ އިތުރު 8 ގޮނޑިއެއްވެސް ވަނީ ކާމިޔާބުކޮށްފައެވެ. މިގޮތުން އެމްއެންޕީގެ ޓިކެޓުގައި ވާދަކުރެއްވި ކާނަލް ނާޒިމްއާއި ޖޭޕީގެ ޓިކެޓުގައި ވާދަކުރެއްވި ޤާސިމް އިބްރާހިމްގެ އިތުރުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ 2 ކެނޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރެއްވި 4 މެންބަރަކު ވަނީ ސަރުކާރުގެ އެންޑޯސްމަންޓާއިއެކު ގޮނޑި ކާމިޔާބުކޮށްފައެވެ.

ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނުއިރު, ނިމެމުންދާ ދައުރުގައި މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި އޮތް އެމްޑީޕީއަށް މިއިންތިޚާބުގައި ކާމިޔާބުކުރެވުނީ އެންމެ 12 ގޮނޑިއެވެ.

މި ލިއުމާއި ގުޅޭ