Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް އިންތިޚާބު

ރައީސް ޑރ.މުޢިއްޒު ދެއްވީ އިތުބާރު، ރައްޔިތުން ދިނީ ސުޕަ މެޖޯރިޓިއާއެކު ތާއީދާއި މަދަދު

ޕީއެންސީގެ މަޖިލިސް ކެމްޕެއިން ނިންމުމަށް ބޭއްވި ހިނގައިލުން، ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ދިޔަރެސް

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ރައްޔިތުން ދިނުމާއެކު ސަރުކާރުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ހަލުއިވެގެންދާނެއެވެ.

ފާއިތުވި ފަސް މަސްދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަންކުރައްވަމުން ގެންދެވީ ވަރަށް ބޮޑެތި ދަތިތަކާ ތުރާތަކުގެ ތެރޭގައެވެ. އެ އުދަގޫތައް ކުރިމަތިވުމުގެ މައިގަނޑު ސަބަބަކީ އިދިކޮޅު މައި ޕާޓީކަމަށްވާ އެމްޑީޕީއަށް އޮތުމުންނެވެ.

ސަރުކާރަށް ކުރިމަތިވި ބައެއް ދަތިތައް

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އެއިރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ސަރުކާރު ވައްޓައިލުމުގެ ވާހަކަތައް ދައްކަން ފެށިއެވެ. އެގޮތުން ރައީސް ޑރ.މުޢިއްޒުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު މަޖިލީހުން ވަކިކުރުމަށް އެމްޑީޕީން މަސައްކަތް ފެށިއެވެ.

އެ މަސައްކަތުގެ ތެރެއިން އެމްޑީޕީން މަޖިލީހުގެ ޤަވާއިދަށް ބަދަލުތަކެއް ގެނެސް، މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު ގުނާ ގޮތް ބަދަލުކޮށް، މަޖިލީހުން އެކި ސަބަބުތަކާހުރެ ވަކިވެވަޑައިގެންފައިވާ މެންބަރުންގެ ގޮނޑިތައް ނުހިމަނައި މަޖިލީހުގެ ގޮނޑިތައް ގުނާ ގޮތަށް މާއްދާއެއް ޤަވާއިދަށް އިތުރުކުރިއެވެ.

އެމްޑީޕީން މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލާއެކު ސަރުކާރަށް މަޖުބޫރުވީ އެ އިސްލާހަކީ ޤާނޫނުއަސާސީއާ ޚިލާފު އިސްލާހެއްކަމުގައި ކަނޑައެޅުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާށެވެ. ސަރުކާރަށް އެ މައްސަލަ ކާމިޔާބުކުރެވުނެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުން ބޮލާލައިޖަހައި އެމްޑީޕީން ނިންމީ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހާއެކު ކުރިއަށްދާށެވެ. މަޖިލީހުގެ ޤަވާއިދުގެ ތެރެއަށް އެހެން މާއްދާއެއް އިތުރުކޮށް، ސުޕްރީމް ކޯޓުން ބާތިލުވާނެކަމަށް ކަނޑައެޅި މަފުހޫމު ހިމަނައި ރައީސް އަޒުލުކުރަން މަގުފަހިކުރިއެވެ. އެ މަސައްކަތް ހުއްޓުނީ އެމްޑީޕީގެ 13 މެންބަރަކު ޕާޓީ ދޫކުރައްވައި ޕީއެންސީއަށް ވަޑައިގަތުމުންނެވެ.

އެއާއެކު ދެވަނަ ކަމަކަށް ރައީސަށް ކުރިމަތިވެވަޑައިގެންނެވި މައްސަލައަކީ މަޖިލީހުން މުހިންމު ބައެއް ވުޒާރާތަކުގެ ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމުމެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދާއި، ބަންޑާރަނައިބު އަޙްމަދު އުޝާމުއާއި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރަށް ރުހުން ނުދިނެވެ.

މި ތިން ބޭފުޅުންނަކީވެސް އެ ބޭފުޅުންގެ ދާއިރާތަކުން ތައުލީމު ހާސިލުކުރައްވައި، އެ ދާއިރާތަކުން ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާބިލު ބޭފުޅުންނެވެ. އެބޭފުޅުންނަށް މަޖިލީހުން ރުހުންނުދިނުމުން ސަބަބުންވެސް ސަރުކާރަށް ތުރާތައް ކުރިމަތިވިއެވެ.

ބަޖެޓު މަރުހަލާގައި ރައީސްގެ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު ވައުދުފުޅުކަމަށްވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރެއްވުމުގެ ސިޔާސަތުގެ ދަށުން ހިންގަވަން ނިންމަވާފައިވާ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ފުށިދިއްގަރު މަޝްރޫޢަށް ދައުލަތުގެ ބަޖެޓުގައި ހިމެނި ފައިސާ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން އުނިކުރިއެވެ.

ފާއިތުވި 5 މަހު ރައީސް ދެއްކެވީ ހިތްވަރާއި ނަތީޖާ ނެރުއްވުމަށް މަސައްކަތްކުރެއްވުން

ފާއިތުވި ފަސް މަހުގެ ތެރޭގައި ރައީސް ޑރ.މުޢިއްޒުވަނީ ސަރުކާރު ހިންގެވުމުގައި ކެތްތެރިކަމެވެ. ނަަތީޖާ ނެރުއްވުމަށް ގަދައަޅުއްވައި މަސައްކަތްކުރެއްވުމެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާައިން ހާސިލުކުރައްވަން ކަނޑައެޅުއްވި ކަންކަމުގެ 90 އިންސައްތަ ހާސިލުކުރެއްވިއެވެ.

ސިއްހީ ކުއްލި ހާލަތްތައް މެދުވެރިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބޭ ހިސާބުތަކަށް މީހުން އުފުލުން އިންޤިލާބުކުރައްވައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރެއްވިއެވެ. އެއާޕޯޓު ނެތް ރަށްތަކުން ބަލިމީހުން އުފުލަން ސީޕްލޭން ތައާރަފުކުރެއްވިއެވެ.

އަތޮޅު ތެރޭގައި ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތައް އަލުން ފެއްޓެވިއެވެ. ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރައްވައި ޚަރަދުތައް ކުޑަކުރައްވައި، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރައްވައި އާމްދަނީއަށްވުރެ ރިކަރަންޓު ޚަރަދުތައް ބޮޑުވިޔަނުދީ ހިފަހެއްޓެވިއެވެ.

ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤައުމީ ދިފާއީ ބާރަށް ހޯދައިދެއްވައި، ރާއްޖޭގައި ޤާއިމުވެގެން ތިބި ސިފައިން ރާއްޖެއިން ފޮނުވައިލުމުގެ މަސައްކަތް ފައްޓަވައި ބޮޑެތި ކާމިޔާބީތަކެއް އެކަމުގައި ހޯއްދެވިއެވެ.

މިއީ ފާއިތުވި ފަސް މަހުގައި ސަރުކާރުން ފެށި މަސައްކަތްތަކާއި ކުރަމުންދާ ކަންކަމުގެ ބައިކުޅަ ބައެވެ. އެންމެ މުހިއްމުކަމަށް ފެންނަ ބައެއް ކަންކަމެވެ. ނަމަވެސް މިފަދަ އެތައް ކަމެއް ސަރުކާރުން ފަށާފައިވެއެވެ.

ރައީސް ދެއްވީ އިތުބާރު، ރައްޔިތުން ދިނީ ތާއީދު

މަޖިލިސް އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް ޑރ.މުޢިއްޒު ފާހަގަކުރެއްވީ ފާއިތުވި ފަސް މަހު ސަރުކާރުން ފަށާފައި ހުރި މަސައްކަތްތަކުގެ ދުވެލި އިތުރަށް ހަލުއިކުރެއްވުމަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާކަމެވެ.

އެމަނިކުފާނު ރައްޔިތުންނަށް ދެއްކެވީ ފާއިތުވި 5 މަހު އެމްޑީޕީން މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކުރި ގޮތެވެ. ސަރުކާރަށް ކުރިމަތިކުރި ދުއްތުރާތަކާއި ތުރާލެވެ. އެމަނިކުފާނަށް ތަހައްމަލުކުރައްވަންޖެހިވަޑައިގެންނެވި ގޮންޖެހުންތަކެވެ. އެއީ ރައްޔިތުންގެ ކުރިމަތީގައި ހިނގަމުންއައި ކަންކަމެވެ.

އެއާއެކު އެމަނިކުފާނު ދެއްވި ޔަގީންކަމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކެންޑިޑޭޓުން މަޖިލީހަށް ހޮވައިދީފިނަމަ، ސަރުކާރުގެ ދުވެލި އަވަސްކުރެވި ރައްޔިތުން އެދޭ ގިނަ ހެޔޮ ބަދަލުތައް ގެންނަވައި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަމެވެ.

މިއަދު އޮތް މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ރައްޔިތުންވަނީ 68 ގޮނޑިއާއެކު މަޖިލީހުގެ ސުޕަ-މެޖޯރިޓީ ދީފައެވެ. ރައީސް އެދިވަޑައިގެންނެވި މަދަދާއި ތާއީދު ރައްޔިތުން ދިނީ އެމަނިކުފާނު ފާއިތުވި 5 މަހު ކުރެއްވި މަސައްކަތްޕުޅާއި އިދިކޮޅު އެމްޑީޕީން މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކުރި ގޮތަށް ބިނާކޮށެވެ.

ރައީސް ދެއްވާ ޔަގީންކަމަކީ މަޖިލީހުގެ އަޣުލަބިއްޔަތާއެކު، "ދިވެހިންގެ ރާއްޖެ"އަށް ކުރަމުންދާ ދަތުރުގައި ދިވެހި އޮޑީގެ ރިޔާގައި ފައްސިވައި އެޅި ދުވެލި ހަލުއިވާނެ ކަމުގެ ޔަގީންކަމެވެ.

މި ލިއުމާއި ގުޅޭ