ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހެޅީ 91 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
މިދިޔަ މަހުގެ 21 ވަަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރިއެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަޔާން ވަކި މުއްދަތެއްގައި ތެރޭގައި ހުށަހެޅުމަކީ ގާނޫނު ލާޒިމުކުރާ ކަމެއްކަމަށްވާއިރު މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވެއެވެ. މިހާތަނަށް ބަޔާން ހުށަހަޅާފައިވާ 91 ކެންޑިޑޭޓުން ކަމަށް ކޮމިޝަނުން މިއަދު ބުނެފައިވެ އެވެ.
ބަޔާން ހުށަހެޅި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ވާދަކުރި 35 ކެންޑިޑޭޓަކާއި ޕާޓީ ޓިކެޓްގައި ވާދަކުރި 56 ކެންޑިޑޭޓެކެވެ. މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ހަމަވުމަށް ވަގުތު ކުޑަތަންވެފައިވާއިރު އަދިވެސް 277 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައެއް ނުވެއެވެ.
މާލީ ބަޔާން ހުށަހަޅާފައި ނުވާނަމަ ނުވަތަ ދޮގު މައުލޫމާތު ހިމެނޭނަމަ ގާނޫނު މިހާރު އޮތް ގޮތުން ދައުވާ ކުރެވި އަދަބު ދެވޭނެއެވެ. މިކުށުގެ އަދަބަކީ އެއް އަހަރަށް ޖަލަށްލުން ނުވަތަ 72،000 ރުފިޔާ އިން ޖޫރިމަނާކުރުމެވެ.