ސްކޭމްގެ މައްސަލަތަކުގައި ބޭންކް އެކައުންޓަތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާއި ނުލާ ހުއްޓުވޭ ގޮތަށް ގާނޫނަށް އިސްލާހް ހުށަހަޅައިފިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި ބޭންކް އެކައުންޓަތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާއި ނުލާ ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާކަމަށް ފުލުހުން ބުނަމުންދާކަމަށެވެ.
"ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރާ ހިސާބުން އެ ފައިސާ ދައުރުވާ ސަބްސިކުއެންޓް އެކައުންޓުތަކުގައި ފައިސާ ހޯލްޑްކުރެވޭނެ ނުވަތަ ހިފެހެއްޓޭނެ މެކޭނިޒަމްއެއް ގާނޫނުގައި ނެތުމުން އެކަމަށް ބޭނުންވާ ގާނޫނީ ހައްލު ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންކަމެއް" މެންބަރު ވިދާޅުވެފައިވެއެވެ.
އެހެންވެ މި އިސްލާހް މިގޮތަށް ހުށަހަޅާ ސަބަބަކީ ސްކޭމްގެ މައްސަލަތައް އާއްމުވަމުންދާ ނިސްބަތަށް ބަލާއިރު މިއީ ރައްޔިތުންނަށް ގިނަ ގުނަ ގެއްލުންތަކެއްވާކަމަކަށްވާތީ، މިފަދަ މައްސަލަތަކުގައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް މެންބަރު މުހައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ އަމުރު ނެރެން ހޭދަވާ މުއްދަތުގައި، ވަގުތީ ގޮތުން ސްކޭމްގެ ކުށް ހިންގުމުގައި ހިމެނޭ އެކައުންޓްތަކުގައިވާ ފައިސާ ހިފަހައްޓާ އޭގެ އަސްލު އޮޅުވާލިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ފުލުހުންގެ ފަރާތުން އެދޭފަދަ ގާނޫނީ ހައްލެއް ހޯދައިދޭން ޖެހޭކަމަށެވެ.