Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް އިންތިޚާބު

މަޖިލީހުގެ އަޣުލަބިއްޔަތު ޕީއެންސީން ކަށަވަރުކޮށް، އެމްޑީޕީގެ ކިއްލާތައް ފޫއަޅުވާލައިފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން ކަށަވަރުކޮށް އިދިކޮޅު އެމްޑީޕީން ޒަމާނުއްސުރެ އަޣުލަބިއްޔަތު ދަމަހައްޓަމުން އައި ގިނަ ދާއިރާތަކެއް ކާމިޔާބުކޮށްފިއެވެ.

މިހާތަނަށް ގުނައި ނިމިފައިވާ ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު ޕީއެންސީންވަނީ އިންތިޚާބުގައި 50 ގޮނޑި ކާމިޔާބުކޮށްފައެވެ. އެ ޕާޓީން ކާމިޔާބުކުރި ގޮނޑިތަކުގެ ތެރޭގައި ޒަމާނުއްސުރެ އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބެމުން އައި ދާއިރާތަކުގެ ގޮނޑިތައް ހިމެނެއެވެ.

އެގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަށް ޅ.ހިންނަވަރު ދާއިރާގެ ގޮނޑިވެސް ކާމިޔާބުކުރައްވާފައިވަނީ އެ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓެވެ. އެއީ 25 އަހަރު ރައީސް އިބްރާހީމު ކާމިޔާބުކުރައްވަމުން ގެންދެވި ދާއިރާއެކެވެ.

ރައީސް އިބްރާހީމު ރައީސްކަމަށް ހޮވިވަޑައިގަތުމުން އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމަނިކުފާނުގެ ކޮއްކޯފުޅު ޖީހާން މަހުމޫދެވެ. މިއަދުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވީ ޖީހާނެވެ.

އޭގެ އިތުރަށް ޒަމާނުއްސުރެ އެމްޑީޕީން އަޣުލަބިއްޔަތު ދަމަހައްޓަމުން އައި އައްޑޫ ސިޓީ ހިތަދޫގެ މުހިއްމު ގޮނޑިތަކެއް ޕީއެންސީން ކާމިޔާބުކޮށްފައިވެއެވެ. އެގޮތުން އައްޑޫ ހިތަދޫ މެދުދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު އަޒާން ކާމިޔާބުކުރައްވާފައިވެއެވެ.

އައްޑޫ ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު އަސްލަމުގެ ގޮނޑިވެސް އެމްޑީޕީއަށް މި އިންތިޚާބުގައި ގެއްލިގެންގޮސްފައިވެއެވެ.

މާލެއަށް ބަލާއިރު އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު އަޣުލަބިއްޔަތު ހޯއްދަވައިގެން 15 ވަރަކަށް އަހަރު މެންބަރުކަން ކުރައްވަމުން އައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑިވެސް މި އިންތިޚާބުގައި ކާމިޔާބުކުރައްވާފައިވަނީ އެ ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓެވެ.

އެމްޑީޕީއަށް ކުރިން ފަސޭހަކަމާއެކު ކާމިޔާބުކުރެވޭ އެތައް ދާއިރާއަށް އެ ޕާޓީއަށް ގެއްލިފައިވާއިރު، ޕީއެންސީއަށް ޒަމާނުއްސުރެ އަޣުލަބިއްޔަތު ލިބޭ ހުރިހާ ދާއިރާއެއްހެން އެ ޕާޓީން ކާމިޔާބުކުރިއެވެ.

މި ލިއުމާއި ގުޅޭ