Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އާއިލާ ކެންޑިޑޭޓެއް ވިޔަސް އިދިކޮޅު ފިކުރުނަމަ ދޫކޮށްލަންޖެހޭ: ރައީސް

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އާއިލީ ކެންޑިޑޭޓެއް ނުވަތަ ރަހުމަތްތެރިއަކު ވާދަކުރިޔަސް އެބޭފުޅުން ވާދަކުރަނީ ސަރުކާރާ އިދިކޮޅު ފިކުރުގައި ނަމަ ވޯޓު ނުދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އަންނަ އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވޯޓު ދޭންވީ ގައުމުގެ ތަރައްގީ ޔަގީން ކުރުމަށާއި ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް އަދި ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. އެކަން ކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި ހުރި ހުރިހާ ހިޔާލުތަފާތުވުމެއް ދޫކޮށްލަން އެބަޖެހޭ. އެއީ އާއިލީ ގޮތުން، މިސާލަކަށް ހުރެދާނެ އަޅުގަނޑުމެންގެ [ސަރުކާރު] ކެންޑިޑޭޓް ހުއްޓަސް، އާއިލާގެ ތެރެއިން ހުރެދާނެ އަނެއް ޕާޓީގެ މީހަކު ނުކުމެ. ދޫކޮށްލައްވާ،" ރައީސް ވިދާޅުވި އެވެ.
"އާއިލާއެއް ނޫން މިވަގުތު އިސްކުރަން ޖެހޭނީ. އާއިލާ އިސްކުރަންޖެހޭ ކަންކަން ހުންނާނެ އެކަމު އެއަށްވުރެ ބޮޑަށް އިސްކުރަންޖެހޭ އަޅުގަނޑުމެންގެ ގައުމުގެ ހައްގުގައި އަޅުގަނޑުމެން ނިންމަންޖެހޭ ނިންމުމުގެ ޒިންމާ. އެހެންވީމަ މި ދަންންވަނީ އެންމެ ފުރަތަމަ ގައުމޭ."
ރައީސް ވިދާޅުވި ގޮތުގައި، މިއީ އާއިލާއާއި ރަހުމަތްތެރިކަމުގެ ގުޅުމަށްވުރެ ގައުމިއްޔަތު އިސްކުރަންޖެހޭ ވަގުތެވެ. އެހެންކަމުން ހުރިހާ ހިޔާލު ތަފާތުވުމެއް އެއްފަރާތްކޮށް، މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ގައުމު ސިޔާސަތަކީ ވަރަށް ފުން މާނައެއް އެކުލެވޭ ވާހަކައެއް ކަމަށާއި، އެއީ އަމަލީ ގޮތުން ތަންފީޒުކުރަންޖެހޭ އެއްޗެއް ކަމަށް ރައީސް ވިދާޅުވި އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ގިނަ ރައްޔިތުން އެކަން ތަންފީޒުކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހާއި ލޯކަލް ކައުންސިލް ފަދަ އިންތިހާބުތަކުގައި އާއިލީ މަސްލަހަތާއި ރަހުމަތްތެރިކަން އިސްކުރެވިފައި އޮންނަ ހާލަތު އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި އިންތިހާބުގައި އެގޮތަށް ކަންވިޔަ ދީގެން ނުވާނެ ކަމަށެވެ.
".. އާއިލީ މަސްލަހަތު، ރަހުމަތްތެރިކަމުގެ މަސްލަހަތު، އަދިވެސް ދެން ހުންނަ، ތިމަންނައަށް ކުރިން ކަމެއް ކޮށްދިން މީހާގެ މަސްލަހަތު. ނޫން. އެ މަސްލަހަތުތަކަށް ފުރުސަތު ދޭންވާނީ އެއީ މި ދެންނެވި ކަންކަމުގައި، ގައުމުގެ މަސްލަހަތު އެއާ ގުޅިފައި އޮތްނަމަ،" ރައީސް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި ވިސްނަންވީ ރައީސް ވިދާޅުވި ގޮތުގައި ގައުމަށް އެންމެ ރަނގަޅު ގޮތާއި އަމިއްލަ ރަށާއި ސިޓީއަށް އެންމެ ރަނގަޅު ގޮތެވެ. ސަރުކާރުން ކަނޑަނޭޅި ގައުމު ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާއިރު ވޯޓުދޭންވާނީ އެކަމަށް އެއްބާރުލުންދެވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ 93 މެންބަރުން ހޮވަންވީ. އަޅުގަނޑު މިދޭ ޔަގީންކަމަކީ އަޅުގަނޑުމެންގެ 93 ކެންޑިޑޭޓުންނަކީ މިދެންނެވި [ގައުމީ] ވިސްނުމުގައި ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުންނޭ. އެބޭފުޅުން ހޮއްވަވައިފިއްޔާ މި ގައުމުގެ ތަރައްގީއާ، ހަމަޖެހުމާ ރައްކާތެރިކަން އަޅުގަނޑުމެން ޔަގީންކޮށްދޭނަމޭ،" ރައީސް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ