Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ޖިންސީ ފުރައްސާރައާއި ބުލީއާ ދެކޮޅު ސިޔާސަތުތައް މެނިފެސްޓޯގައި އެބައޮތް: ރައީސް

ޖިންސީ ފުރައްސާރައާއި ބުލީކުރުން އައި ގެވެށި އަނިޔާއާ ދެކޮޅު ސިޔާސަތުތައް ސަރުކާރުގެ މެނިފެސްޓޯގައި އެބަ އޮތް ކަމަށާއި، އެކަން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނުތަކަށް ބަދަލު ގެނެވޭނީ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކެންޑިޑޭޓު އަބްދުއްރަހީމް އަބްދުﷲ އަދި ފެލިދޫ ދާއިރާއަށް ވާދަކުރައްވާ އާދަމް ޒާހިރުގެ ކެމްޕެއިނަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ގައުމުގައި ރައްކާތެރިކަން ގާއިމްކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށެވެ.
އެކަމަކު، ޖިންސީ ފުރައްސާރައާއި، ކުޑަކުދިންނަށް ބުލީ ކުރުމާއި ގެވެށި އަނިޔާފަދަ ނޭދެވޭ އެތައް ކަމެއް ގައުމުގައި ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންކަން ހައްލު ކުރުމުގެ ސިޔާސަތުތައް ސަރުކާރުގެ މެނިފެސްޓޯގައި އެބަ އޮތް ކަމަށެވެ.
"މިކަން [ޖިންސީ ފުރައްސާރައާއި ބުލީ އަދި ގެވެށި އަނިޔާ] ރަނގަޅުކުރުމުގެ ސިޔާސަތު އަޅުގަނޑުމެންގެ މެނިފެސްޓޯގަ މިއޮތީ. އަޅުގަނޑު ބޭނުންވަނީ މުޅި މުޖްތަމައު އެކު އެކީގަ އެއްރޫހެއްގެ މިކަމުގަ މަސައްކަތް ކުރަން. މިކަންކަން ހައްލުކުރުމުގައި ގާނޫނުތައް އިސްލާހުކުރަން ޖެހޭ. ގާނޫނުތައް ހަދަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެކަމަށް އެއްބާރުލުން ދޭނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ 93 ކެންޑިޑޭޓުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ރައްކާތެރި މުޖްތަމައު، އޯގާތެރި މުޖްތަމައު ބިނާކުރުމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަޖިލީހަށް ހޮވަންޖެހޭ. އަޅުގަނޑު ޔަގީންކުރަނީ އެގޮތުގަ، އެކަމުގަ ރައްޔިތުން އަޅުގަނޑަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރާ ވީޑިއޯއެއް މިދިޔަ ހަފްތާގައި ވަނީ ދައުރުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ އެހެން ކުޑަކުދިންތަކެއް އެ ކުއްޖާއަށް ބުލީކޮށް، ގައިގައި ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ ކުއްޖާއަށް އަނިޔާކުރީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.
އެ މައްސަލަ ފެންމަތިވުމާއެކު، ކުށްކުރާ ކުޑަކުދިންނަށް 15 އަހަރުނުވާ ނަމަ އަދަބު ނުދެވޭ ގޮތަށް އޮތްއޮތުން އުވާލައި, ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން، ޖިނާއީ އަދުލުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ، އެފަދަ ކަންކަމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްބާރުލުން ދޭނެ ސަރުކާރުގެ ކެންޑިޑޭޓޫން ހޮވައިދިނުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
އިންތިހާބު ކާމިޔާބުކުރަންޖެހޭ އިތުރު ސަބަބެއް ކަމަށް ރައީސް ވިދާޅުވީ، ގައުމު މިސްރާބުން ކައްސާލައިގެން ގޮސްފައި ވަނިކޮށް ދިވެހިންގެ އަތްމައްޗަށް ގައުމު ގެނައުމުގެ ފުރަތަމަ މަރުހަލާ މިދިޔަ ރިޔާސީ އިންތިހާބުގައި ފުރިހަމަވެފައިވާއިރު، އޭގެ ދެވަނަ މަރުހަލާއަކީ މަޖިލިސް ކާމިޔާބު ކުރުން ކަމުގައިވާތީ އެވެ. އެހެންކަމުން އިންތިހާބަށް މިހާރު އޮތް މަދު ދުވަސްކޮޅުގައި ކެމްޕެއިން ވަރުގަދަ ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
މި ލިއުމާއި ގުޅޭ