ހދ. މަކުނުދޫ ބަނދަރުގައި ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ސަރަހައްދުގައި އެއްޗެއް ގޮވައި އިއްޔެ ހިނގި ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑު އިތުރަށް ތަހުލީލު ކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އިއްޔެ މަކުނުދޫގައި ގޮވީ، ވެލްޑިން މަސައްކަތަށް ބޭނުންކުރާ ކަހަލަ ގޭސް ފުޅިއެކެވެ. އެ ހާދިސާގައި ނިޔާވެފައިވަނީ އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅުނު ދެ ބިދޭސީ ފިރިހެނުންނެވެ. އެއީ އިންޑިއާގެ ދެ ރައްޔިތުން ކަމުގައިވާ، މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.
ބާރުގަދަ ގޮވުމުގެ ސަބަބުން އެ ދެމީހުންގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް އެ ސަރަހައްދަށް ބުރުއްސައިގެން ގޮސްފައިވާ ކަމަށް އެ ރަށުން މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ ހަށިގަނޑުގެ ބައިތައް އެއްކޮށް، އިތުރު ތަހުލީލުތައް ކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހުންގެ ހަށިގަނޑާމެދު ދެން އަމަލު ކުރާނެ ގޮތެއް ނިންމާނީ ކުރަން ޖެހޭ ތަހުލީލުތަކަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުން އިއްޔެގެ ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި އިމާރާތެއްގެ ސީލިން ހަލާކުވެ، ބިއްލޫރިތައް ތަޅައިގެން ދިއުމުގެ އިތުރުން އެ ކައިރީގައި ހުރި ވެހިކަލްތަކަށް ވެސް ވެީ ގެއްލުން ލިބިފައިވެ އެވެ. އަދި އެ ސަރަހައްދު ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.