މިއަދު މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވި ހާދިސާފަދަ ހިތާމަވެރި ނުރައްކާތެރި ހާދިސާތައް ނުހިނގާނެ މަގުން ފިޔަވަޅުތައް އެޅުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަކުނުދޫގައި ނަރުދަމާގެ މަސައްކަތް ކުރާ ސައިޓުގައި މިއަދު ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު މަރުވި ހާދިސާއާ ގުޅިގެން ޑރ.މުޢިއްޒު ނުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ހާދިސާގެ ޚަބަރު އިވިވަޑައިގަތީ ފުންހިތާމައާއި ކަންބޮޑުވުމާއެކު ކަމަށެވެ.
އިތުރަށް އެ ބަޔާނުގައި ޑރ.މުޢިއްޒު ފާހަގަކުރެއްވީ މި މަހުގެ 19 ވަނަ ދުވަހުގައި ހދ.ކުޅުދުއްފުށީގައިވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގައި އެ ހާދިސާގައިވެސް ބަޔަަކަށް އަނިޔާވިކަން ފާހަގަކުރައްވާ ކަމަށެވެ.
އެއާއެކު އެމަނިކުފާނު އެދިވަޑައިގެންފައިވަނީ މި ދެ ހާދިސާ ހިނގުމަށް މެދުވެރި ގޮތް ތަހުގީގުކޮށް، އެފަދަ ހިތާމަވެރި އިތުރު ހާދިސާތައް ހިނގުމަށް މަގުފަހިނުވާނެ ގޮތަށް ކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅުތައް އެޅުމަށެވެ.
"ހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަން،" ޑރ.މުޢިއްޒުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ނިޒާމީ ސިފައެއްގައި މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ނުވަތަ މަސައްކަތު މާހައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކުރުމަށް މަޖިލީހުގެ މެންބަރުން އަރިހުން އިންތިޚާބީ ރައީސް އެދިވަޑައިގެންފައިވެއެވެ.