ރައީސް އިބްރާހީމްގެ ކޯލިޝަން ޕާޓްނަރު އަދި ދ.މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) އަށް 18 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަށް ސަރުކާރުން ޕްރެޝަރު ކުރަމުންދާ ކަމަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.
ނަން ހާމަނުކުރަން ޝަރުތުކޮށް ދިޔަރެސް އަށް މައުލޫމާތު ދެއްވި ބީއެމްއެލްގެ ބޯޑު މެމްބަރަކު ވިދާޅުވިގޮތުގައި, ސިޔާމަށް އެއްވެސް ރަހުނަކާ ނުލާ 18 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ސަރުކާރުން އަންގާފައިވާކަމަށެވެ. ސިޔާމަށް ލޯނު ދިނުމުގެ މައްސަލަ ބޭންކުގެ ބޯޑަށް ހުށަހަޅާފައިވާއިރު ބައެއް ބޯޑު މެމްބަރުން އެގޮތަށް ލޯނު ދިނުމާ ދެކޮޅެވެ.
"ސަރުކާރުން ޕްރެޝަރު މި ކުރަނީ. އެކަމަކު ބޯޑުގެ ބައެއް މެމްބަރުން މިކަމާ ދެކޮޅު. އެއްވެސް ކޮލެޓަރަލްއެއް ނެތި ލޯނު ދޭން ސިޔާމް އެދުނީ" ދިޔަރެސްއަށް މައުލޫމާތު ދެއްވި ބޯޑު މެމްބަރު ވިދާޅުވިއެވެ.
މި ލޯނު ހޯދުމަށް ސިޔާމް ހުށަހެޅުއްވިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެންމެ ފަހުން ބޭންކުން މިކަމާގުޅިގެން ބޭއްވި ބައްދަލުމުގައިވެސް އަދި ގޮތެއް ނިންމިފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި 18 މިލިއަން ޑޮލަރަކީ ސިޔާމްގެ ކުންފުނިން ހިލްޓަންއަށް ދައްކަންޖެހޭ 24 މިލިއަން ޑޮލަރު ދެއްކުމަށް ދޭން އުޅޭ ލޯނެކެވެ. މި ފައިސާގެ ދެން ހުރިބައި ދިނުމަށް ހަމަޖެހިފައިވަނީ އެސްބީއައި މެދުވެރިކޮށެވެ. މީގެ ކުރިން ސިޔާމްގެ ކުންފުނިން ޗައިނާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ ފައިސާ ދައްކަންވެސް ބީއެމްއެލް މެދުވެރިކޮށް ލޯނެއް ދިނެވެ.
ސިޔާމް ތަރައްޤީކުރެއްވި ރަށެއް ކަމަށްވާ ނ.އިރުފުށި ހިންގަން މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންއާއި އެކު އެއްބަސްވުމެއް ހެދުމަށްފަހު، ސަން ކުންފުނިން އެ އެއްބަސްވުން ބާތިލު ކުރި މައްސަލާގައި، ހިލްޓަންއަށް ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭންޖެހޭނެކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމާފައެވެ. އެކަމަކު އެ ނިންމުމަށް އަމަލުނުކޮށް ސަން ކުންފުނިން ވަނީ އެ ފައިސާ ދޭން ދެކޮޅު ހަދާފައެވެ. އެކަމާ ގުޅިގެން ހިލްޓަން އިން ވަނީ އެ މައްސަލަ ތަންފީޒުކުރުމަށް ސިންގަޕޫރުގެ ހައިކޯޓަށާއި ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ހިލްޓަންއިން އާބިޓްރޭޝަން މައްސަލަ ރާއްޖޭގައި ތަންފީޒު ކުރުމަށް ހުށަހެޅުމުން އެ މައްސަލަ މިހާރު އޮތީ ރާއްޖޭގެ ކޯޓު މަރުހަލާގައި ތާށިވެފައެވެ.
ފާއިތުވި ޖުލައި މަހު ސިންގަޕޫރު ހައިކޯޓުގައި އެ މައްސަލައިގެ އަޑު އެހުމެއްގައި ބައިވެރިވެވަޑައިގަތުމަށް ސިޔާމް އެ ޤައުމަށް ވަޑައިގަތުމުން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އެކަމާއި ގުޅިގެން އޭނާގެ ދިފާއުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީންނާއި ފުލުހުންގެ ހިދުމަތުން ވަނީ ސިންގަޕޫރަށް ސިޓީ ފޮނުވާފައެވެ. ސިޔާމްގެ ޕާސްޕޯޓު ސިންގަޕޫރުން ދޫކޮށްލީ ސިޔާމް އެ ފައިސާ ދައްކާނެކަން ކަށަވަރުކުރާނެ ކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ބުނުމުންނެވެ. އަދި ސަރުކާރުން ވަނީ އެ ފައިސާ ދައްކަދޭން އެއްބަސްވެފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް އިބްރާހީމާއި އެކު ސިޔާމް ދަނީ ވަރަށް ގަދަޔަށް ހަރަކާތްތެރިވަމުންނެވެ. އަދި ރައީސަށް ސަނާ ކިޔަމުންގޮސް ބައެއް ފަހަރު ތާކުންތާކު ނުޖެހޭ ވަރަށް ގިނަ ވާހަކަތަށް ސިޔާމް ދައްކަވައެވެ. މިގޮތުން ރައީސް އިބްރާހީމްގެ ހަށިކޮޅުން ފައިބަނީ މާމުއިކަމަށްވެސް އެއްފަހަރަކު ވިދާޅުވިއެވެ.