ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ޕާޓްނަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފިކަމަށް އަޑުފެތުރެއްވެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަމަށް އޭނާ ތުހުމަތު ކުރައްވައިފިއެވެ.
ސިޔާމް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސިންގަޕޫރުން އޭނާގެ ޕާސްޕޯޓް ހިފެއްހެއްޓި ވާހަކައަކީ ދޮގު ވާހަކައެއްކަމަށާއި އެވާހަކައަކީ ރައީސް ނަޝީދު ފެތުރެއްވެވި ވާހަކައެއް ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީގެ ލީޑަރު، ދަ ޑިމޮކްރަސީ ކޮންމެސް ބައެއް، އެބޭފުޅުން ކުރެއްވި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެއްވެނީ" ސިޔާމް ވިދާޅުވެފައިވެއެވެ.
"އެއީ ކޮންމެސް ކުރުސޮރެއް ކިޔާ ހަސަން ކުރުސީ ކުރު ސޮރެއް ކިޔާ މީހަކު ޓްވީޓު ކޮށްލީ. ޓްވީޓުކޮށްލާފައި އަޅުގަނޑު މިހެންނޭ މިއޮތީ. އެހެންވީމާ އެބޭފުޅުން ހިންގި ކަމެއްކަމަށް އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ" އެކަމުގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެއްވެސް ވަރަކަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވަތަ ސިންގަޕޫރުގައި ބަންދުކޮށް ނޫނީ އެ ގައުމުން ނުފުރޭނެ ގޮތެއް ހަދާފައި ނެތްކަމަށާއި ޕާސްޕޯޓް ހިފެހެއްޓި ވާހަކަ އަޑު އެއްސެވީ ނޫސްތަކުގެ ހެޑްލައިންތަކުންކަމަށެވެ.
"އަޅުގަނޑަކަށް އެނގޭ ކަމެއް ވެސް ނޫން ތީކީ. އަޅުގަނޑަށް ތި ހަބަރު ލިބުނީ ހަމަ މީޑިއާތަކުގެ ހެޑްލައިނުން" ސިޔާމް ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވާ ސިޔާމް ވަނީ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ސިޔާމް ވިދާޅުވީ ނޫސްވެރިންނަކީ ޕްރޮފެޝަނަލްކޮށް ޒިންމާދާރުކޮށް މަސައްކަތް ކުރާ ބަޔަކަށްވާން ޖެހޭކަމަށާއި ޕާސްޕޯޓް ހިފެހެއްޓި ވާހަކަ ނޫސްތަކުގައި ލިޔެފައިވަނީ އޭނާއަށްވެސް އަދި ސަންގެ ކުންފުންޏަށްވެސް ގުޅާ މައުލޫމާތު ސާފު ނުކޮށްކަމަށެވެ.
އެފަދައިން ވިދާޅުވެ ސިޔާމް ވަނީ މީޑިއާތަކުގައި އުޅޭ ފަރާތްތައް މިހާރު މަސައްކަތްކުރަނީ "މަގުމަތީ އުޅޭ ތަޅާކުދިންގޮތަށް"ކަމަށް ވިދާޅުވެފައެވެ.
"ހަގީގަތުގައި އަޅުގަނޑަކާވެސް ނުގުޅަ. އަޅުގަނޑުމެންގެ ކުންފުންޏަކާވެސް ނުގުޅަ. ހަމަ ހިތަށް އެރި އެއްޗެއް މީޑިއާތަކުން ލިޔަމުން ގެންދިޔައީ. ވަރަށް ޒިންމާދާރުކަން ކުޑަ ވަރަށް ދެރަ ކަމެއްތީ. މަގުމަތީ އުޅޭ ތަޅާކުދިންގޮތަށް މީޑިއާތަށް މިހާރު މަސައްކަތްކުރަނީ އެއްވެސް ކަހަލަ ހަގީގަތެއް ނެތްގޮތަށް މީހުންގެ އަގު ވެއްޓުމާއި މީހުންގެ އަބުރު ވައްޓާލުމާ މިކަހަލަ ކަންތައް ކުރުމަކީ މީޑިއާގެ ޕްރޮފެޝަނަލްކަން މުޅިން ގެއްލިގެންދާކަމެއް" ސިޔާމް ވިދާޅުވެފައިވެއެވެ.
ސިޔާމް ސިންގަޕޫރަށް ވަޑައިގެންނެވީ އޭނާގެ ކުންފުންޏާއި ހިލްޓަންއާއި ދެމެދު ވެފައިވާ އެއްބަސްވުމެއް ބާތިލު ކުރި މައްސަލާގައި ހިލްޓަން އިން އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅައި، މައްސަލަ ހިލްޓަން ކޮޅަށް ނިމުމުންވެސް، ދައްކަންޖެހޭ ފައިސާ ސިޔާމްގެ ކުންފުނިން ނުދެއްކި މައްސަލާގައި ސިންގަޕޫރުގެ ހައިކޯޓުގައި އޮތް އަޑު އެހުމަކަށެވެ.
ސިންގަޕޫރުގެ ހައިކޯޓުގައި މި މަހުގެ 17 ވަނަ ދުވަހު އޮތް އަޑު އެހުމުގައި ވަނީ ސިޔާމް ކޯޓުގެ ހުރުމަށް ކެނޑިކަމަށް ސާބިތުވެފައެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ވަނީ އަމުރުކޮށްފައެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން މައްސަލައިގެ ތެރެއަށްވަދެ، އެ ފައިސާ ސަރުކާރުން ދައްކަދޭން އެއްބަސްވެ، ސިޔާމަށް ރާއްޖެ އެނބުރި އާދެވޭގޮތްވިއެވެ.