Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހުމަދު ސިޔާމް

ރައީސްއާއެކު މިހުރީ ގައުމު ތަރައްގީ ކުރުމަށް، އަމިއްލަ ބޭނުމަކަށް ނޫން: ސިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ހުންނެވީ ގައުމު ތަރައްގީ ކުރުމަށްކަމަށާއި، އަމިއްލަ ބޭނުންފުޅަކަށް ނޫންކަމަށް އެމްޑީއޭގެ ރައީސް އަދި، މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިފަދައިން ވިދާޅުވީ، ރައީސް މުޢިއްޒު ރާއްޖެތެރޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ ދ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުން މަޖިލީހުގައި ސިޔާމް ނިސްބަތްވާ ދާއިރާ، މީދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، އެބޭފުޅާ ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ އަދި ރައީސްއާއެކު ހުންނެވީ އަމިއްލަ ބޭނުންފުޅެއް ހާސިލް ކުރައްވަން ނޫންކަމަށެވެ. ނަމަވެސް ރައްޔިތުންނާ ގައުމުގެ ތަރައްގީ ކުރިއަރުވާ އައު ހަރުފަތްތަކަކަށް އާރާސްތުކުރަން ކަމަށެވެ.

ސިޔާމް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުއާ ގުޅިވަޑައިގަތުމަށް އެއްވެސް ކަމަކަށް ޝަރުތުކުރައްވާފައި ނުވާނެކަމަށެވެ. އެގޮތުން، ރާއްޖެއިން ފަޅެއް ދިނުމަށް ޝަރުތުކޮށްފައިނުވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.

އެއަށް ވުރެ ގިނައިން ﷲ ދެއްވާފައި އޮތީ އަޅުގަނޑަށް. އެހެންވީމާ މީހެއް ކައިރީ އެއްޗެއް އާހަކަށް އަޅުގަނޑަކަށް ނުޖެހޭ
ސިޔާމް ވިދާޅުވިއެވެ.

މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ސިޔާމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ތަރައްގީއަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހަކަށް ބޭނުންޖެހިފައިވާކަމަށެވެ. އަދި ސަރުކާރެއް ފުރިހަމަކަމާއެކު ހިންގޭނީވެސް މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމަށާއި މިކަމަށް ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި މީދޫ ދާއިރާއަށް ވާދަކުރައްވާ ސިޔާމް ވިދާޅުވީ، ރައީސް މުޢިއްޒުއަކީ ތަފާތު ރައީސެއް ކަމަށެވެ. ރައްޔިތުން ޅޮސް އުނދޯއްޔަށް އަރުވައި ދޮގު ވައުދުވާ ރައީސަކަށް ރައީސް ޑރ.މުޢިއްޒު ވެވަޑައިނުގަންނަވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ލާރި ހޯދާނެ ގޮތް ވެސް. ރައީސުލްޖުމްހޫރިއްޔާ އެކަން ކުރައްވަމުން އެ ގެންދަވަނީ. ރައީސުލްޖުމްހޫރިއްޔާއަށް ލާރި ދެއްވާނެ ބޭފުޅުން އެބަ ތިއްބެވި،" ސިޔާމު ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަކީ، ވަކި ގައުމެއް ކައިރިކޮށް ވަކި ގައުމެއް ދުރުކޮށްގެން އުޅުއްވާނެ ރައީސެއް ނޫންކަމަށެވެ. އެމަނިކުފާނަށް އިސްވާނީ އެހެން ގައުމުތަކަށްވުރެ ދިވެހީންގެ މަސްލަހަތުކަމަށް ސިޔާމު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށްއޮތް ތާނގައިވެސް ރައީސް މުޢިއްޒުގެ ފަހަތުގައި ވަފާތެރިކަމާއިއެކު ތިއްބެވުމަށް ސިޔާމް އެދިވަޑައިގަތެވެ.

މި ލިއުމާއި ގުޅޭ