Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހުމަދު ސިޔާމް

ޓެކްސް ބޮޑުކުރުމާ ސިޔާމް ދެކޮޅު، ވިދާޅުވީ އިގްތިސާދު ހަލާކުވާނެ ކަމަށް!

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސް މިހާރުވެސް ވަރަށް ބޮޑު ކަމަށާއި، އިތުރަށް ޓެކްސް ބޮޑުކޮށްފި ނަމަ އިގްތިސާދު ހަލާކުވާނެ ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ޓެކްސް ބޮޑުކުރުމާއި ދެކޮޅު ހައްދަވައިފިއެވެ.

އިގްތިސާދު ހަރުދަނާ ކުރުމަށް އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅުތަކުގެ ދަށުން ސަރުކާރުން ވަނީ މުހިންމު ތިން ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެއީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރުމަށާއި، ގްރީންޓެކުހައި ޑިޕާޗާ ފީ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކެވެ.

މަޖލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ދުނިޔޭގެ އިގްތިސާދީ ބާރުތަކުގެ ތެރޭގައި ކުރިއަރަމުން އަންނަ އިގްތިސާދު ތަކާއި އެއްވަރަށް ޓެކްސް ނެގުމަކީ މުހިންމު ކަމެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ޓެކްސް މިހާރުވެސް ވަރަށް ބޮޑު. އަޅުގަނޑުމެން ޓެކްސް މިހާރުވެސް ދުނިޔޭގެ އެންމެ ކުރިއަރާފައި ހުރި ދުބާއީ، ސިންގަޕޫރަށް ވުރެ މާ ބޮޑު. ދުބާއީގައި މިހާރުވެސް ޖީއެސްޓީގެ ގޮތުގައި މި ނަގަނީ %7 އާއި %9 އާ ދޭތެރޭ. ސިންގަޕޫރުގަ ވެސް އެވަރު. މިހެން އަޅުގަނޑުމެން ޓެކްސް ބޮޑުކުރަން ވެއްޖެ ކަމުގައި ވާނަމަ ރާއްޖޭގެ އިގްތިސާދު ހަލާކު ވެގެން ހިނގައިދާނެ. ނިކަމެތި ވެގެން ހިނގައިދާނެ." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވި ގޮތުގައި މިހާރުވެސް ޓެކްސް ނަގަމުން ދަނީ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވުރެ މާއިތުރަށެވެ. ޓެކްސް ބޮޑުކުރަމުން ގޮސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމަށް ރާއްޖެ ވެއްޖެ ކަމަށާއި، ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރަށް ބަލާއިރު ރާއްޖެއަކީ ސައުތު އީސްޓް އޭޝިއާގައި އޮތް އެންމެ މުއްސަނދި ގައުމު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެކްސް ބޮޑުކުމުގެ ބަދަލުގައި ރާއްޖެއިން ކުރަންވީ އެންމެ މުހިންމު އެއް ކަމަކީ ޚަރަދުތައް ކުޑަކުރުމެވެ. ސަރުކާރުގެ ގިނަ ކުންފުނިތައް އަބަދުވެސް ހިންގަމުންދަނީ ގެއްލުމުގައިކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، އެންމެ ދެ ކުންފުންޏަށް އެކަނި ބަލައިލި ކަމުގައި ވިޔަސް އެއް ބިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށެވެ.

"ދެން އަޅުގަނޑުމެން އިތުރަށް ކިތަންމެ ޓެކްސްއެއް ނެގިޔަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ. އަޅުގަނޑުމެން މި ޓެކްސް އިތުރަށް ދިހަ ގުނަ ޖެއްސިޔަސް އެއްހާސް ގުނަ ޖެއްސިޔަސް މީގެން ކުރާނެ ރާހަތެއް ނޯންނާނެ. އަޅުގަނޑުމެން މިހިނދުން މިހާރުން މިހާރަށް ކުރަން ޖެހޭ ކަމަކީ މި ހިންގާ ޖަރީމާ ކުންފުނިތައް ހުއްޓާލުން." ސިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން ސިޔާމް ވަނީ ވިޔަފާރިވެރިން ދިފާއު ކުރައްވައިވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ވިޔަފާރިވެރިން ކަންކަން ކުރަނީ ދިހަ ބާރަ އަހަރު ވަންދެން ފީސިބިލިޓީ ހެދުމަށް ފަހު އެ މީހުންނަށް ފައިދާ ވާނެ ގޮތަށް ކަންކަން ބަލައިގެން ކަމަށާއި، ކޮންމެ ސަރުކާރަކުން ވެސް ޓެކްސް ބޮޑުކުރާއިރު އެކަމާ ވިސްނަން ޖެހޭ ކަމަށެވެ.

ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމާފައިވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރުގެ ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމުގެ މަގްސަދުގައި ކަމަށް ސަރުކާރުން ބުނެއެވެ.

މި ލިއުމާއި ގުޅޭ