ސިންގަޕޫރުގެ ހިލްޓަން ކުންފުނިން ރާއްޖޭގެ ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ ގައުމުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލައިގައި ސިޔާމް ދިފާއުކޮށް، ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ލިޔުން ފޮނުވައިފި އެވެ.
ހިލްޓަން އަށް ފައިސާ ދައްކަން ސިޔާމްގެ ސަން ގްރޫޕުގެ މައްޗަށް އާބިޓްރޭޝަނުން ނިންމައި ސިންގަޕޫރުގެ ހައި ކޯޓުގައި މިހާރު ހިނގަމުންދާ ތަންފީޒީ މަރުހަލާގައި ވެސް ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން މީދޫ ދާއިރާގެ މެންބަރު ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ މައްސަލައިގައި ސިޔާމްގެ ފަރާތުން އެދިގެން، ދިވެހި ފުލުހުންގެ ހިދުމަތުން ދޫކުރި ލިޔުމުގައި ވަނީ، ސިޔާމަކީ ކުށުގެ ރެކޯޑު އޮތް މީހެއް ނޫން ކަމަށާއި އަދި ދިވެހި ފުލުހުންގެ ހިދުމަތުން މިވަގުތު އެއްވެސް ކްރިމިނަލް ތަހުގީގެއް ހިންގަމުންދާ ފަރާތެއް ނޫން ކަމަށެވެ.
އަދި ސިޔާމަކީ 19 ވަނަ ރައްޔިތުންގެ މަޖިީލީހުގެ މެންބަރެއް ކަމަށާއި، އޭނާ އަކީ ރޯމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމުގައި ވެސް ހުންނެވި ބޭފުޅާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މީގެ ކުރިން ސައުތު ކޮރެއާ އިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމު ވެސް ސިޔާމް އަދާކުރެއްވި ކަން އެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.
ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމާ އެކު ޖެހިގެން އައި ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ސިޔާމްގެ ދިފާއުގައި ސިންގަޕޫރުގެ ހައި ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ ސިޔާމަކީ ވަރަށް ރަނގަޅު ޝަހުސިއްޔަތެއްގެ ބޭފުޅެއް ކަމަށާއި ކޯޓަށް ހާޒިރުވެ ސިޔާމް މައްސަލައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ. އަދި ސިޔާމާއި ދެކޮޅަށް ފިޔަވަޅެއް އަޅާއިރު، އެ ސިޓީގައި ފާހަގަކުރި ކަންތައްތަކަށް ރިއާޔަތް ކުރުމަށް އެދިފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު، ސިޔާމް ސިންގަޕޫރަށް ވަޑައިގެންނެވީ ރައީސް އިބްރާހީމްގެ ރިޔާސީ ކެމްޕެއިންގައި އުޅުއްވުމަށްފަހު އެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދަނީ ސިޔާމް ތަރައްގީ ކުރެއްވި ރަށެއް ކަމަށްވާ ނ.އިރުފުށި ހިންގަން މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންއާއި އެކު އެއްބަސްވުމެއް ހެދުމަށްފަހު، ސަން ކުންފުނިން އެ އެއްބަސްވުން ބާތިލު ކުރި މައްސަލާގައި، ހިލްޓަންއަށް ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭންޖެހޭނެކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައި އޮތް މައްސަލައިގައި ފައިސާ ދައްކަން ދެކޮޅު ހެދުމުން އޭގެ ތަންފީޒީ މަރުހަލާ އެވެ.