ފާއިތުވި އަހަރުގެ ބައިނަލްއަޤުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ބޯޅަދަނޑުގައި އިންޑިއާ ހައިކޮމިޝަނާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި ޔޯގާ ހެދުމުގެ ހަރަކާތާ ދެކޮޅަށް އިހުތިޖާޖުކުރި މައްސަލާގައި ޓެރަރިޒަމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ދެ ޝައިޚުން އެ ދައުވާތަކުގެ އަޑުއެހުން ވަގުތުން ދުރަށް ދައްކައިދޭން އެދިވަޑައިގެންފިއެވެ.
ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް އާންމުންގެ ބަޔަކު އެއްވުމުން އެތަނަށް ވަޑައިގެން އެއްވެ ތިބި މީހުންނާ މުޚާޠަބުކުރައްވައި ޔޯގާގެ ނުބައިކަމާއި ދީނުގައި އެކަމުގެ ހުކުމާ ބެހޭ ގޮތުން ދެ އިލްމުވެރިން ވާހަކަދެއްކެވިއެވެ.
އެ ދުވަހު އެތަނަށް އެއްވެ ތިބި ބައެއް މީހުން ފުލުހުންގެ ސަފުތައް ފޫއަޅުވައިލާ ގަލޮޅު ދަނޑަށް ވަދެގަތުމުގެ ކުރިން ޝައިޚް އާދަމް ނިޝާނާއި ޝައިޚް ފަޟުލޫން މުހައްމަދުވަނީ ހަމަނުޖެހުން ނުހިންގުމަށާއި ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރުމަށް އެ އިހުތިޖާޖުގެ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އެއްވުމުގެ ސުލްހަވެރިކަން ގެއްލުމާއެކު އެއްވުން ނިމުމަކަށް އައިކަން އިއުލާނުކުރެއްވީ ޝައިޚް ނިޝާނެވެ.
ދައުލަތުން މި ދެބޭފުޅުންގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ބޭފުޅުންގެ ވަކީލު ދެކަމަކަށް އެދިވަޑައިގެންނެވިއެވެ. މިއަދު މައްސަލައާއި ހަވާލުވެވަޑައިގެންނެވީތީ އިތުރު ވަގުތު މައްސަލަ ދިރާސާކުރުމަށް ބޭނުންފުޅުވާކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ޝަރީޢަތުގެ އަޑުއެހުންތައް ވަގުތުން ދުރަށް ދެއްކުމަށް އެދިވަޑައިގަތެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ މާޗު މަހުގައިކަން އިއުލާނުކުރައްވައި ކުރިމިނަލް ކޯޓުގެ ޤާޟީ ފާއިޒު ރަޝާދު ވިދާޅުވީ އެ އަޑުއެހުމުގައި ޝަރީޢަތް ވަގުތުން ދުރަށް ދެއްކުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ޤާޟީ ދިފާއީ ވަކީލުގެ އަރިހުން އެދިވަޑައިގަތީ، ދެން އޮންނަ އަޑުއެހުމެއްގެ ކުރިން ލިޔެކިޔުންތައް ދިރާސާކޮށް ދިފާއީ ހެކި ހުށަހަޅަން ބޭނުންވަނަމަ އެކަމަށް ތައްޔާރުވެވަޑައިގެން ވަޑައިގަތުމަށެވެ.