ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ސަރުކާރުން އަތުލި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ޝައިޚް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން އަށް އަލުން އެ ހުއްދަ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމައިފިއެވެ.
އެދެބޭފުޅުންގެ އަތުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ނެގީ 2021 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވުނު ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައެވެ.
ދީނީ ދަރުސް ދިނުމުގެ ހުއްދަ މި ސަރުކާރުން އަނބުރާ ދެއްވިކަން ހާމަކުރައްވައި ޝެއިޚް ނިޝާން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ހިފަހައްޓާފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިއްޔެ އަނބުރާ ލިބިފައިވާ ކަމަށެވެ. ނިޝާން ވަނީ އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފައެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޒުވާނުންނާއި ބެހޭ ވުޒާރާއާއި އިންޑިއާ އެމްބަސީ ގުޅިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ޔޯގާ ހަރަކާތެއް ބާއްވަމުން ދަނިކޮށް، ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ, އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީފައެވެ. މިމައްސަލައިގައި 21 މީހުން ހައްޔަރު ކުރިއިރު، އޭގެ ތެރޭގައި ފަޒްލޫން އާއި ނިޝާންވެސް ހިމެނެއެވެ.
މިކަމާއި ގުޅިގެން އެއިރު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ އެދެބޭފުޅުންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ހިފަހައްޓާފައެވެ.