Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ޝައިހުން ޖަލަށް، އިންޑިއާ ފާދިރީންނަށް ހިމާޔަތް؟

ޝައިހް ފަޒްލޫން ހައްޔަރުކުރުން- އިންޑިއާ ފާދިރީ ހިމާޔަތުގައި ގެންދިޔުން- ޝައިހް ނިޝާން ދަރިފުޅުގެ ކުރިމަތިން ހައްޔަރުކުރުން---

މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރު އައި ފަހުން އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަދަބު ނުދޭ ކަމީ ފެންނަން އޮތް ހަގީގަތެވެ. އެއާއެކު ފެންމަތިވީ އަނެއް މައްސަލައަކީ ދިވެހިންގެ ބިމުގައި "ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްވާ" މައްސަލަ އެވެ. ރާއްޖޭގެ ދާހިލީ ކަންކަމަށް އިންޑިއާއިން އަތްބާނައި، ދިވެހިންނަށްވުރެ ދިވެހިރާއްޖޭގައި އެމީހުން ބާރުގަފަ ވާހަކަ އެވެ. މިކަން ގަބޫލުނުކުރާ މީހުންވެސް ގިނަ އެވެ. އެކަމަކު ކަމުގެ ހަގީގަތް ބަލައި ވިސްނާ މީހަކަށް މިއީ ދެނެގަންނަން އުނދަގޫވާނެ ކަންކަމެއް ނޫނެވެ.

ޖެނުއަރީ 15، 2021 ގައި ހުޅުމާލޭ މިސްކިތަަކަށް ވަދެ އުމުރުން ދުވަސްވީ ދިވެއްސަކަށް ހަމަލާ ދިން އިންޑިއާ މީހާގެ މައްސަލަ ނުބަލާ ފުރުވާލީ އެވެ. މާޗު 10، 2022 ގައި ރާއްޖޭގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކާ ގަދަކަމުން ބެހެން އުޅުނު އިންޑިއާ މީހާ ހައްޔަރު ނުކޮށް ދޫކޮށްލީ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިސްލާމީ މަރުކަޒަށް ބޮޑުކަމުގޮސްގެން ހައްޔަރުކުރި އިންޑިއާ މީހާ ވެސް ދޫކޮށްލީ އެވެ.
މިކަހަލަ ކިތަންމެ ކިތަންމެ މައްސަލައެއް އެބަހުއްޓެވެ. ކިޔަންވެއްޖިއްޔާ ކޮޅުން ނުލާނެ އެވެ. މިއީ އިންޑިއާ މީހުންނަށް ރާއްޖޭގައި އަދަބު ނުދެވޭ ކަމުގެ މަދު ހެއްކެވެ. ސައްތައިން ސައްތަ މުސްލިމް ކަމަށް ދައުވާކުރާ ރާއްޖޭގައި އިންޑިއާ މީހުން އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުން ބަދަލުގައި ދިނީ މިނިވަންކަމެވެ.
މިފަހުން ފެންމަތިވި އޭގެ އަނެއް މައްސަލައަކީ ހިންދޫ ދީނުގެ ފާދިރީއެއް ހިންގާ އެމީހުންގެ ދީނީ ހަރަކާތްތަކެއް މާލޭގެ ހޮޓަލެއްގައި ބާއްވަން ނިންމައި އެ ހަރަކާތުގެ އިޝްތިހާރުތައް މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ފެތުރި މައްސަލަ އެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކުލާސްތަކެއްގެ ސިފައިގައި ބާއްވަން ނިންމި އެ ހަރަކާތުގައި އޮންލައިންކޮށް ހިންދޫ ދީނުގެ ތެރެއިން ކަންކަން ކިޔަވައިދޭން އުޅުނީ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެކެވެ.
އެމްޑީޕީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފުގެ ހިއްސާ އޮންނަ އުނިމާ ގުރޭންޑުގައި ބާއްވަން އުޅުނު އެ ކުލާސްތަކުގައި "ވަރުގަދަ ދަރުސްތަކާއެކު މައްސަލަތަކަށް" ހައްލުތައް ލިބިގެންދާނެ ކަމުގައި އިޝްތިހާރުތައް ދައުރުކޮށް ހެދި އެވެ. ބޮލަކަށް 100 ޑޮލަރު ނަގައިގެން ހިންގަން އުޅުނު އެ ކްލާސްތައް ނުބޭއްވުނީ އެކަން އާންމުންނާއި މީޑިއާގެ ސަމާލުކަމަށް އައިސް ރިޕޯޓު ކުރުމުންނެވެ.
ކެލާ ދާއިރާގެ މެންބަރުގެ ހޮޓެލްގައި ހުރިކަން ފަޅާއަރައި ފާޑުކިޔުން އަމާޒުވުމުން އެ ފާދިރީ އޭނާ ހުރި ހޮޓަލް ދޫކޮށް އެހެން ތަނަކަށް ގެންދިޔައީ އެވެ. އޭނާ އެ ހޮޓަލުން ނިކުތްއިރު އޭނާއަށް ހިމާޔަތް ދޭން ފުލުހުން ހަރަކާތްތެރިވިއެވެ. އަދި އޭނާ ގޮވައިގެން ދިޔައީ ފުލުހުންގެ ފުރިހަމަ ރައްކާތެރިކަމާ ހިމާޔަތުގައެވެ.
މިއީ ރާއްޖޭގައި ހިންދޫ ދީން އުނގަންނައިދޭ ކުލާސްތަކެއް ބާއްވަން އެފަދައިން އާންމުކޮށް އިޝްތިހާރުކުރި ފުރަތަމަ ފަހަރެވެ. އެކަމަކު އާންމުން ރިޕޯޓުކޮށްގެން އެ ކްލާސްތައް ނުބޭއްވުނު ނަމަވެސް އެކަން ކުރަން އުޅުނު މީހުންނަށް އެއްވެސް އަަދަބެއް ނެތެވެ. ހިންދޫ ދީނުގެ ކުލާސްތައް ނަގައިދޭން އައި އިންޑިއާގެ އެ ފާދިރީ އަށް އެއްވެސް ފިޔަވަޅެއް ނާޅައި މިދިޔަ ބުރާސްފަތި ދުވަހު ފުރުވާލީ އެވެ. މިއީ އިންޑިއާގެ ފާދިރީއަކު ހިންދޫ ދީނުގެ ކްލާސްތަކެއް ރާއްޖޭގައި ބާއްވަން އުޅުމުން ސަރުކާރުން އަމަލުކުރި ގޮތެވެ.
އެކަަމަކު ހިންދޫންގެ އަޅުކަމެއް ކަމަށްވާ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމާ ދެކޮޅަށް އަޑު އުފުލި ދިވެހި ޝައިހުން ހައްޔަރުކޮށް ދައުލަތުން ވަނީ އެމީހުންގެ މައްޗަށް ދައުވާ ވެސް ކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު، އިންޑިއާ ހައިކޮމިޝަނާއި ޔޫތު މިނިސްޓްރީ ގުޅިގެން ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރަން ނިންމައި، ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ދީނީ އިލްމުވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން ނުކުތެވެ. ދަނޑުގައި ޔޯގާ ހަރަކާތެއް ހިންގަމުން ދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެކަމަށް ހިތްވަރު ދިންކަމަށް ތުހުމަތުކޮށް އައްޝައިޚް އާދަމް ނިޝާން އާއި އައްޝައިޚް ފަޟްލޫން މުހައްމަދު ހައްޔަރުކުރި އެވެ. އަދި އެ ދެބޭފުޅުންގެ ދީނީ އިރުޝާދު ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން އަތުލީ އެވެ.
އެ ދެބޭފުޅުންގެ ބަންދަށް އެތައް ފަހަރަކު މުއްދަތު އިތުރުކޮށް ހެދި އެވެ. ޝައިހް ނިޝާން ހައްޔަރުކުރީ އޭނާގެ ތުއްޕުޅު ބޭފުޅަކާއެކު މިސްކިތަށް ނަމާދަށް ވަޑައިގެންނެވި މަގުމަތީގައި މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ބަޔަކު އައިސް ހުއްޓުވުމަށްފަހުއެވެ. އެކަމަކު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯތަށް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ޝައިޚް ނިޝާން އެ ހަމަ ނުޖެހުން ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް މަސައްކުރާތަން ފެނިގެންދެއެވެ. އެ ދެބޭފުޅުންވެސް ދެއްކެވި ވާހަކަފުޅުގައި އިލްތިމާސްކުރީ ސުލްޙަވެރިކަމާއެކު ޔޯގާއާ ދެކޮޅަށް އިހުތިޖާޖުކުރުމަށެވެ.
ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ފަޒްލޫނާ ޝެއިހް ނިޝާން ހިމެނޭ ގޮތުން ވިއްސަކަކަށް މީހެއްގެ މައްޗަށް ދައުލަތުންވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. ޝައިހް ފަޒްލޫނާއި އާދަމް ނިޝާންގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.
ދީނީ ކަންކަމަށް ހިތްވަރުދޭ އަދި އިސްލާމް ދީނަށް ނަސްރުދޭ މީހުންނަކީ ހައްދު ފަހަނަ އަޅާފައިވާ، ދީނީ ހަރުކަށި ފިކުރުގެ މީހުންކަމަށް ދޭހަވާ ގޮތަށް ސަރުކާރުގެ އަމަލުތަކުން ހުރިއިރު، ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާއިރު، އިސްލާމިކް މިނިސްޓްރީން އެކަމުގައި ބަހެއް ނުބުނާކަން ރައްޔިތުން ފާހަގަ ކުރެއެވެ.
ހިންދޫ ދީނުގެ އަޅުކަމަކާ ދެކޮޅަށް އަޑު އުފުލި ޝައިހުންނަށް ޓެރަރިޒަމަށް ހިތްވަރުދިނުމުގެ ދައުވާ މި ސަރުކާރުން ކުރާއިރު ހިންދޫ ދީން ފަތުރަން އައި ފާދިރީއަކަށް ހިމާޔަތް ދިނުމުން ކަންކަން އޮތް ހިސާބު ވަރަށް ވެސް ސާފެވެ. މިވަރަކުން އަދި ނިމުނީއެއްވެސް ނޫނެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރު ވަނީ އަރުވާފަ އެވެ. މޯދީއަކީ އިސްލާމުންނާ ދެކޮޅަށް އެތައް ލާއިންސާނީ އަމަލެއް ހިންގާފައިވާ ފަރާތަކަށް ވާތީ، ދިވެހި ދައުލަތުން ބޭރުގެ ފަރާތަކަށް އަރުވާ އެންމެ މަތީ ލަގަބު ކަމުގައިވާ، ނިޝާން އިއްޒުއްދީންގެ ލަގަބު އޭނާގެ އަތުން އަތުލުމަށް މީގެ ކުރިންވެސް އެތައް ބަޔަކު ގޮވައިލި އެވެ.
ނިޝާން އިއްޒުއްދީނުގެ ލަގަބަކީ ސުލްތާން ޣާޒީ ހަސަން އިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަށް ނިސްބަތްކޮށް އެރުވޭ ޝަރަފެކެވެ. މޯދީއަށް އެ ޝަރަފު އެރުވި އިރުވެސް ވަރަށް ގިނަ ބަޔަކު އެކަމާއި ދެކޮޅު ހެދި އެވެ. އެކަމަކު އެކަމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ އިތުރުން އެތައް ގޮތަކުން ސަރުކާރަށް ޕްރެޝަރު ކުރުމުންވެެސް މޯދީގެ އަތުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބު އަތުލާނަންތޯ ސުވާލު ކުރުމުން ރައީސް ޖަވާބުވެސް ނުދެއްވި އެވެ.
މި ލިއުމާއި ގުޅޭ