3 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ލ.ގަމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހަމަދު ބިން ހަލީފާ އާލްޘާނީ ސްކޫލްގެ ދަރިވަރުން ނެރެން އަންގައިފިއެވެ.
މިގޮތަށް އަންގާފައިވަނީ ގަމު ކައުންސިލް ގެ ރައީސް މުހައްމަދު ޝިޔާމް، ހަމަދު ބިން ހަލީފާ އާލްޘާނީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި ރައީސް ސޯލިހް ލ.ގަމުގެ ތިން އަވަށެއްގައި ކަރަންޓު އެއް ވިއުގައަކުން ގުޅާ ދެއްވުމަށާއި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ސީޓީ ސްކޭން ހިދުމަތް ފައްޓަވައި ދެއްވުމާއި، ގަމު ޒޯން ސްޓޭޑިއަމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށް އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށެވެ. އަދި އެ ރަސްމިއްޔާތު އޮންނާނީ ލ.ގަމު މަތިމަރަދޫ ބޮޑުމަގު ހުޅަނގުކޮޅުގައި ހުންނަ ސްޓޭޑިއަމްގައި ކަމަށާއި އެހެން ކަމުން ވީހާވެސް ގިނަ ދަރިވަރުން އެތަނަށް ފޮނުވައިދެއްވުމަށް ވަނީ އެދިފައެވެ.
މިފަދައިން ސްކޫލް ދަރިވަރުން ފޮނުވަން އެދިފައިވާއިރު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެޑިއުކޭޝަނުން ނެރުނު ސާކިއުލާއެއްގައިވަނީ އެފަދަ ރަސްމިއްޔާތުތަކުގައި ސްކޫލް ދަރިވަރުން ބޭނުން ނުކުރަމަށް އަންގާފައެވެ.
އެހެން ނަމަވެސް ދާދިފަހުން ހޯރަފުށި އެއާޕޯޓު ހުޅުވަން ރައީސް ސޯލިހް އެރަށަށް ވަޑައިގެންނެވިއިރުވެސް ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުން ވަނީ މަރުހަބާ ކިޔަން ނެރެފައެވެ.