ރޭގަނޑު 10 ގެ ފަހުން ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ފުލުހުން އެއްކުރަން ފަށައިފިއެވެ. ފުލުހުން މިމަސައްކަތް ފެށީ ބ.އޭދަފުށީގައެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ޗިލްޑްރެން ޑާޓާ ބޭސް އިފްތިތާހުކޮށް ޑާޓާ ބޭސް އެއްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން، ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައަށް ގެނައުމަށް އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ފެށި މި މަސައްކަތަކީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކޮށް އަދި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ފެށި ހަރަކާތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް، ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ފުލުހުން ދަނީ ހިންގަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.