އެމެރިކާ އާއި ޗައިނާ އާއި ދެމެދު މާކެޓްތަކަށް ސިހުން ގެނައި ޓެރިފް އިތުރުކުރުމުގެ ހަނގުރާމަ ނިމުމަކަށް އަތުވެދާނެކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. އަދި ޓިކްޓޮކް އެމެރިކާގައި މަނާކުރަން އޮތް މުއްދަތު އަނެއްކާވެސް އިތުރު ކުރާނެ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ދީފައެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓެރިފްތަކާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވީ ތަކެތީގެ އަގު ބޮޑުވުން އެއީ އޭނާ ބޭނުންވާ ގޮތް ނޫން ކަމަށެވެ. "އަޅުގަނޑު ބޭނުމެއް ނޫން ތަކެތީގެ އަގު އިތުރަށް މައްޗަށް ދާކަށް. އެއީ އެއްޗެހީގެ އަގު ބޮޑުވުމުން ވަކި ހިސާބަކުން މީހުން ގަންނަން ހުއްޓާލާނެތީ،" ޓްރަމްޕ ވިދާޅުވިއެވެ.
ސީދާ ވަކިގޮތެއް ނިންމިކަން އިއުލާން ނުކޮށް ޓްރަމްޕް ވިދާޅުވީ ތަކެތީގެ އަގު ދަށްކުރުން އެއީވެސް އޭނާ ބޭނުންވެދާނެ ގޮތެއް ކަމަށެވެ. "އެހެންވީމާ، އަޅުގަނޑު ބޭނުން ނުވެދާނެ އިތުރަށް ތަކެތީގެ އަގު މައްޗަށް ދާން ނުވަތަ އެ ލެވެލްއަށް ވެސް ދާން. އަޅުގަނޑު ބޭނުންވެދާނެ އެއަށްވުރެ ތަކެތީގެ އަގު ދަށްކުރަން. އެއީ އަޅުގަނޑުމެން ބޭނުންވަނީ މީހުން މުދާ ގަންނަން. މާބޮޑަށް އެއްޗެހީގެ އަގު ބޮޑުވެއްޖެނަމަ ވަކި ހިސާބަކުން، މީހުން އެތަކެއްޗެއް ނުގަންނާނެ." ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ ވާހަކަތަކުން އިތުރަށް ދައްކުވައިދިނީ އޭޕްރިލް 2 ގައި ގިނަ ޤައުމުތަކަކަށް ތަޢާރަފުކުރެވުނު ޓެރިފްތަކާ ގުޅިގެން މާކެޓްތަކުގައި ކުރިމަތިވި ހަލަބޮލިކަމަށްފަހު، ޓެރިފް ސިޔާސަތު ބަދަލު ކުރަން މިހާރު ވިސްނުން ގެންގުޅެން ފަށައިފި ކަންކަމުގައި ރޮއިޓާސް އިން ބުނެއެވެ.
އެމެރިކާއަށް ތެރެކުރެވޭ ގިނަ މުދަލުގެ މައްޗަށް %10 ގެ ޓެރިފް އިތުރު ކުރުމަށްފަހު ބައެއް ގައުމުތަކަށް އެއަށްވުރެ ވެސް ބޮޑު އިންސައްތައެއްގެ ޓެރިފް ޓްރަމްޕް އިއުލާން ކުރެއްވިއެވެ. ނަމަވެސް މަޝްވަރާތައް ކުރިއަށްދާކަމަށް ވިދާޅުވެ ފަހުންވަނީ ޗައިނާ ފިޔަވައި އެހެން ގައުމުތަކަށް ކަނޑައެޅި މަތީ ޓެރިފްތައް ތަންފީޒުކުރުން ފަސްކޮށްފައެވެ.
ޗައިނާއިން އެމެރިކާއަށް ރައްދު ދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޗައިނާއިން އެތެރެކުރާ މުދަލުގެ ޓެރިފް މިހާރު ޖުމްލަ %145 އަށް ވަނީ މައްޗަށް ޖައްސާފައެވެ. ފާއިތުވި ހަފްތާގައި ޗައިނާއިން ބުނެފައިވަނީ "ޓެރިފްގެ ނަންބަރު ކުޅިވަރަކަށް" އެޤައުމުން "ޖަވާބު ނުދޭނެ" ކަމަށެވެ. ޓްރަމްޕް އެންމެފަހުން ވިދާޅުވީ ޓެރިފްގެ އަދަދުތަކާއިމެދު ޗައިނާއާއިއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ޓެރިފް އާއި ގުޅޭ ކަންކަމުގައި އެމެރިކާ އާއި ޗައިނާއާއި ދެމެދުގައި މަޝްވަރާ ކުރެވެމުންދާކަމަށް އެމެރިކާ އިން ބުނި ނަމަވެސް އެއްބަސްވުމަކާ ހަމައަށް ވާސިލުވުމަށް މަގުފަހިވާފަދަ މަތީ ފެންވަރުގެ ފުޅާ މަޝްވަރާތަކެއް ނުހިނގާކަމަށް ރޮއިޓާސްއަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން، ޓްރަމްޕް ވަނީ ދެ ޤައުމުގެ މެދުގައި ހިނގަމުންދާ މަޝްވަރާތަކުގެ ބާވަތް ނުވަތަ އެ މަޝްވަރާތަކުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ސީދާ ބައިވެރިވޭތޯ ހާމަކުރުމަށް އިންކާރުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޓިކްޓޮކް އާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. 170 މިލިއަން އެމެރިކާ ރައްޔިތުން ބޭނުންކުރާ ޓިކްޓޮކް އެޕްލިކޭޝަންގެ އެމެރިކާގެ އެސެޓްތައް ޗައިނާގެ ބައިޓްޑާންސްއިން ވަކިކުރުމަށް ޤާނޫނީ ސުންގަޑި ޓްރަމްޕް ވަނީ ގިނަ ފަހަރު މަތިން އިތުރުކޮށްފައެވެ. ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވީ ޗައިނާގެ ކުންފުނިން ޓިކްޓޮކް ވިއްކާލުމުގެ ޑީލް ނިންމޭނީ ވިޔަފާރީގެ މައްސަލަ ހައްލުވުމުންކަމަށެވެ.
"އަޅުގަނޑުމެންގެ ޓިކްޓޮކްގެ ޑީލެއް އެބައޮތް، އެކަމަކު އެއީ ޗައިނާއަށް ބަރޯސާވާ ކަމަކަށްވާތީ، މި ކަންތައް އެއްގޮތަކަށް ނުވަތަ އަނެއްގޮތަކަށް ނިމެންދެން އަޅުގަނޑުމެން ޑީލް ފަސްކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.