Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

އެމެރިކާއަށް ރައްދުދޭނީ ޑިއޭގޯ ގާސިއާއަށް ހަމަލާދީގެން - އީރާން

އެމެރިކާ އިން އީރާނަށް ހަމަލާއެއް ދީފިނަމަ ރައްދު ހަމަލާ ފުރަތަމަ ވެސް އަމާޒުކުރާނީ އެމެރިކާގެ އަސްކަރީ ބޭސްއެއް ހިންގާ ޑިއޭގޯ ގާސިއާއަށް ކަމަށް އީރާނުން ބުނެފިއެވެ. ޑިއޭގޯ ގާސިއާއަކީ ދިވެހިރާއްޖެއިން ދެކުނަށް 700 ކިލޯމީޓަރު ދުރުގައި އޮންނަ، އެމެރިކާގެ އަސްކަރީ ބޭސްއެކެވެ.

އީރާނުން މިހެން ބުނީ އެމެރިކާ އިން އީރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާ ދިނުމަށް ބޭނުން ކުރާނީ ޑިއޭގޯ ގާސިއާގެ އަސްކަރީ ބޭސް ކަމަށް މީޑިއާ ރިޕޯޓްތައް މިހަފްތާގައި ބުނެފައި ވަނިކޮށެވެ. މި ހަފްތާގައި އެމެރިކާއިން ވަނީ ޑިއޭގޯ ގާސިއާއަށް ބީ-2 މަރުކާގެ ބޮންއަޅާ ޖެޓްތަކެއް ގެންގޮސްފައެވެ. މިއީ ވައިގެ ދިފާއީ ސިސްޓަމްތަކުން ސަލާމަތްވެވޭ، ޕްރެސިޝަން ސްޓްރައިކްތަކަށް ބޭނުންކުރާ ސްޓެލްތް ޖެޓްތަކެކެވެ.

އެމެރިކާގެ ސިފައިންގެ ފަރާތުން މި ހަފްތާގެ ކުރީކޮޅު ވަނީ ޑިއޭގޯ ގާސިއާއަށް ބީ-2 މަރުކާގެ ބޮންއަޅާ ޖެޓްތައް ގެންދިޔަކަން ކަށަވަރުކޮށްދީފައެވެ. ޕްލެނެޓް ލެބްސްއިން މި ހަފްތާގެ ކުރީކޮޅު ދެއްކި އޯޕަން-ސޯސް ސެޓެލައިޓް މައުލޫމާތުން ދައްކާގޮތުގައި އެމެރިކާގެ ބޭސްގައި ތިން ބީ-2 ޖެޓް އެބައޮތެވެ. ހުކުރު ދުވަހު، އެހެން އޯޕަން-ސޯސް އެކައުންޓްތަކުން ހިއްސާކުރި ފޮޓޯތަކުން ދައްކާގޮތުގައި މަދުވެގެން ފަސް ބީ-2 ޖެޓް ޑިއޭގޯ ގާސިއާ ބޭސްގައި އެބައޮތެވެ. އަދި C-17 ކާގޯ މަތިންދާބޯޓުތަކާއި 10 އެއަރިއަލް ރިފިއުލިންގ ޓޭންކަރު ފާއިތުވި ދުވަސްތަކުގައި ޑިއޭގޯ ގާސިއާއަށް ޑިޕްލޯއިކޮށްފައިވާކަމަށް ސެޓެލައިޓް މަންޒަރުތަކަށް ހަވާލާދީ ދަ ވޯ ޒޯން އިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

އީރާނުގެ އިސް ސިފައިންގެ އޮފިޝަލެއް ޓެލެގްރާފަށް ވިދާޅުވެފައިވަނީ، އީރާންގެ އެއްވެސް ތަނަކަށް ހަމަލާއެއް ދީފިނަމަ އީރާނުން ރައްދު ހަމަލާ ދިނުމުގައި ފަސް ނުޖެހޭނެ ކަމަށެވެ. "ހަމަލާއެއް އަމާޒުވެއްޖެނަމަ ރައްދު ދިނުމުގައި އެއީ އެމެރިކަން، ބްރިޓިޝް ނުވަތަ ތުރުކީ ސިފައިންގެ މީހެއްކަން މުހިންމެއް ނޫން. އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުގައި ޑިއޭގޯ ގާސިއާ ބޭނުންކޮށްފިނަމަ ރައްދު ހަމަލާ ވެސް އަމާޒު ކުރާނީ ޑިއޭގޯ ގާސިއާއަށް" އީރާންގެ އިސް އޮފިޝަލް ޓެލެގްރާފް ނޫހަށް ވިދާޅުވިއެވެ.

ރައްދު ހަމަލާ ޑިއޭގޯ ގާސިއާއަށް އަމާޒު ކުރާނެ ކަމަށް އީރާނުން ބުނި ނަަވެސް ޑިއޭގޯ ގާސިއާއަކީ އީރާނާއި 3،800 ކިލޯމީޓަރު ދުރުގައި އޮތްތަނެކެވެ. އީރާނުގެ ބެލިސްޓިކް މިސައިލްތަކުގެ އެންމެ ދުރު ރާސްތާއަކީ ވެސް 2،000 ކިލޯމީޓަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހޮނިހިރު ދުވަހު އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވަނީ އީރާނުގެ އިންޒާރު ކުށްވެރިކުރައްވާފައެވެ. "އިނގިރޭސި ސަރުކާރުން ދަނީ ސަރަޙައްދުގެ ޕާޓްނަރުންނާއެކު ކަންކަން މަޑުމައިތިރިކުރުމަށް މަސައްކަތްކުރަމުން. ޑިއެގޯ ގާސިއާގައި ހުރި ބޭސްއަކީ އިނގިރޭސިވިލާތާއި އެމެރިކާގެ ސަލާމަތަށް ވަރަށް މުހިންމު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތް ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް" ތަރުޖަމާނު ވިދާޅުވިކަމަށް ޓެލެގްރާފުން ރިޕޯޓުކޮށްފައިވެއެވެ.

ޑިއެގޯ ގާސިއާގެ އަސްކަރީ ބޭސް ވަނީ ކުރިން އިރާޤާއި އަފްޣާނިސްތާން ހިމެނޭ ގޮތަށް މެދުއިރުމައްޗަށް އެމެރިކާއިން ހަމަލާދިނުމަށް ބޭނުންކޮށްފައެވެ. އަދި މިހާރު ޑިއޭގޯ ގާސިއާއަށް އެމެރިކާގެ އަސްކަރީ އުޅަނދުތައް އިތުރުކޮށް ޑިޕްލޯއިމަންޓުން ދައްކުވައިދެނީ ސަރަޙައްދުގައި ބޮޑު ސްކޭލްގެ އެއަރ އޮޕަރޭޝަންތަކެއް ހިންގުމުގެ ފުރުސަތު އޮތްކަންކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީއަށް ފޮނުވި ސިޓީއެއްގައި އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވެން ޖެހޭނެކަމަށާއި، އެހެންނޫންނަމަ އެމެރިކާ ސިފައިންގެ ހަމަލާތައް ކުރިމަތިވާނެކަމަށް ވިދާޅުވެ އީރާނަށް އިންޒާރު ދެއްވާފައެވެ.

ޖަވާބުގައި، އީރާނުން ބުނީ އެ ޤައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރުމާއި، 2015 ގެ ނިއުކްލިއަރ އެއްބަސްވުމުގެ އޮނިގަނޑުން ބޭރުން އެއްވެސް ނިއުކްލިއަރ މަޝްވަރާއެއް ކުރަން ބޭނުން ނޫންކަމަށް ބުނެފައެވެ.

އެމެރިކާގެ ސިފައިން ދަނީ ޔަމަނުގައި ތިބި އީރާނާއި ގުޅުންހުރި ހޫތީ ހަނގުރާމަވެރިންނަށް ބޮމްއެޅުމުގެ ހަމަލާތަކެއް ކުރިއަށް ގެންދަމުންނެވެ. އަދި ހޫތީންގެ ފަރާތުން އަންނަ ކޮންމެ ހަމަލާއަކީވެސް އީރާނުން އަންނަ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެކަމަށް އެމެރިކާ އިން އަންނަނީ ބުނަމުންނެވެ.

މި ލިއުމާއި ގުޅޭ