މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް 115 މީހަކު ސިފައިންގެ ޚިދުމަތާ ގުޅިއްޖެއެވެ.
އެމްއެންޑީއެފްގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފިއެވެ. ދަސްވެނިވުނު 115 ދަރިވަރުންގެ ތެރޭގައި 105 ފިރިހެން ދަރިވަރުންނާއި 10 އަންހެން ދަރިވަރުން ހިމެނެއެވެ.
މި ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި ކޯހުގެ ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދެވޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ރެކްރޫޓް ފަޞުޙާ އަޙްމަދު އެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދެވޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ރެކްރޫޓް އަނާން މޫސާ ހާސިލުކުރި އިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަކަށް ދެވޭ "މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ހާސިލުކުރީ ރެކްރޫޓް ޔައިޝް މުޙައްމަދު ނަޢީމް އެވެ. އަދި މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރަކަށް ދެވޭ "މޭޖަރ ރިޓަޔާޑް ޙުސައިން ޝާކިރު އެވޯޑް" ހާސިލުކޮށްފައިވަނީ ރެކްރޫޓް ޝައިހާން ޢަލީ އެވެ.
މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ފަސްމަސް ދުވަހުގެ މުއްދަތަކަށެވެ. މި ކޯސް ކުރިއަށް ގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.
ދަސްވެނުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނެވެ. ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސިފައިންގެ އޮފިސަރުންނާއި ކޯހުގެ މުދައްރިބުންނާއި، ކޯހުގެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ.