އައްޑޫގައި ހިންގި އެންމެ މަތީފެންވަރުގެ އަދި، އެންމެ ބޮޑު ރިސޯޓު ޝަންގްރިލާ ވިލިނގިލި އައިލެންޑް ހުޅުވުން އަވަސްކުރުމަށް ސަރުކާރުން އެކުންފުނީގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
ޝަންގްރިއްލާ ރިސޯޓު ބަންދުކުރީ 2021ގައި، ކޮވިޑް-19 ވައިރަހުގެ ސަބަބުން ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމާ އެކު އެވެ. އޭގެ ފަހުން އެ ރިސޯޓު މިހާތަނަށް ވެސް ހުޅުވިފައި ނުވާއިރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ވެސް އެތަން ހުޅުވުން އަވަސްކުރުމަށް މަސައްކަތްތަކެއް ކުރި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅު ޝަންގްރިއްލާ ހުޅުވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
މިއަދު ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ޝަންގްރިއްލާގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރިސޯޓު ހުޅުވުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ދެވޭނެ އެއްބާރުލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އައްޑޫ ގަމުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިނގުމާވެސް ގުޅިފައިވާ ޝަންގްރިއްލާ ރިސޯޓު ހުޅުވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ، މި ރިސޯޓު ހުޅުވުން އަވަސްކުރުމަށް މަޝްވަރާތަކެއްކޮށް މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ހޮންގްކޮންގްގައި ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއްލާއާ ގުޅިގެން ސ. ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ގަ އެވެ. ގަން އިންޓަނެޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް ފަސް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ އެ ރިސޯޓު ކުރިން މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ.
2021ގައި ޝަންގްރިއްލާ ބަންދުކުރުމާ ހަމައަށް އައްޑޫގެ 500 އެއްހާ ޒުވާނުން އެތަނުގައި ވަޒީފާ އަދާކުރަމުން ވެސް ދިޔަ އެވެ. ސަރުކާރުން މަސައްކަތް ކުރަނީ، މިއީ އައްޑޫ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ރިސޯޓެއްކަމުގައި ވާތީ އެވެ.