މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް ހަތް ލައްކައަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ދިވެހިރާއްޖެއަށް 693،949 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 5.7 އިންސައްތަ އިތުރު އަދަދެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ މި މުއްދަތުގައި 578،148 ފަތުރުވެރިން ރާއްޖެ ޒިޔާތް ކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި 656،828 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ޗައިނާއިން 78،285 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 11.3 އިންސައްތައެވެ.
ދެން އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން 75،448 ފަތުރުވެރިން އައިސްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސި ވިލާތުން މިހާތަނަށް 73،280 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,196 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 175 ރިސޯޓާއި 842 ގެސްޓްހައުސްގެ އިތުރުން 156 ސަފާރީ އާއި 15 ހޮޓާ ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 63,147 އެނދު އޮޕަރޭޓްކުރެއެވެ.