ކުޅުދުއްފުށި ސިޓީގައި ޕޮލިސް ކާރެއް, ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓަކީ ކުޅުދުއްފުށީ ސިޓީގެ ފަރީދީ މަގުން ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ޕޮލިސް ކާރެއްގައި ތަހުތު ގޯޅިން ފަރީދީ މަގަށް ނިކުތް ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް ކަމަށެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހަވީރު 4:15 ހާއިރުއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ދެ އުޅަދަށްވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައި ވަނީ އެ ކެޓެގަރީ ގެ ލައިސެންސް އޮންނަ ދެމީހުންކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލު ދުއްވާފައި ވަނީ އެއް އަހަރުގެ ކުޑަ ކުއްޖަކު ގޮވައިގެން ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ މި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ތުއްތު ކުއްޖަކު ގޮވައިގެން އަންހެނަކު ސައިކަލުގައި ހަނި ގޯޅިއަކަށް އަޅައިލައެވެ. ކުޑަކުއްޖާ ސައިކަލުގެ ކުރީގައި ބައިންދާފައި އިންނަ އިރު އެ އަންހެން މީހާ އިނީ ބެލްޓު ވެސް ނާޅުވައެވެ.